ރަޝިއާއިން ރާއްޖެއަށް އިތުރު އެއަރލައިންތައް ގެނައުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޓޫރިޒަމްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށާއި، ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ އިސް ވަފުދަކުން ރަޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ރަޝިއާގެ ސްޓޭޓް ސެކްރެޓަރީ އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް، ދިމިތުރީ ޒްވެރޭވްއާ މޮސްކޯގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އަދި ރާއްޖެއަށް އިތުރު އެއަރލައިންތައް އޮޕަރޭޓް ކުރުމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.
ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދުން މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގަށް ކުރަމުންދާ ފަސް ދުވަހުގެ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ޓޫރިޒަމްގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން ޓޫރިޒަމްގެ ވިޔަފާރީގެ ބައިވެރިވުންތައް ހަރުދަނާ ކުރުމެވެ. މި ދަތުރުގައި ވަފުދުގެ ބޭފުޅުން ރަޝިއާ ސަރުކާރުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ފްލައިޓް ކެޕޭސިޓީ އިތުރު ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ.
މީގެއިތުރުން މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގްގެ އިސް ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ސިނާއީ ޖަމިއްޔާތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމާއި ’ވިޒިޓް މޯލްޑިވްސް އިޔަރ 2027‘ އަށް ތައްޔާރުވުމުގެ ގޮތުން މާކެޓުގެ މަޢުލޫމާތު އެއްކުރުމަށާއި، ދަތުރުވެރިންގެ މެދުގައި މަޤުބޫލުވަމުން އަންނަ ކަންކަން ދެނެގަތުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.
ހަމައެއާއެކު ރަޝިއާގެ ޓްރެވަލް ޓްރޭޑްގެ އިސް މަންދޫބުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިން އަދި މީޑިއާތައް އެއްތަނަކުން ބައްދަލުވާނެ ސިނާއީ ނެޓްވޯކިންގ ދެ އިވެންޓެއް އެ ދެ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



