ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
ނޭކުރެންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތަކީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްގެން ޖޮއިންޓް ވެންޗަރ އުސޫލުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
މި ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ޓެކްނިކަލް ޓީމުގެ އިތުރުން ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި އެ ރަށު ކައުންސިލުން ވެސް ވަނީ ބައިވެރިވެފައެވެ.
މި މަޝްރޫޢުގެ ދަށުން، ފެން ޓެސްޓުކުރެވޭ ވަސީލަތްތަކާއެކު ލެބޯޓަރީއަކާއި، އޮފީސް ޖާގަ ހިމެނޭ ގޮތަށް 30 ކިލޯވޮޓުގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ. މީގެއިތުރުން އާރު.އޯ ޕްލާންޓް އިމާރާތެއް ޤާއިމުކޮށް، ދެ ބޯހޯލް ތޮރުފައި، ދުވާލަކު 30 ޓަނުގެ ފެން އުފައްދާ ދެ އާރު.އޯ ޕްލާންޓާއި، 135 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކުގެ އިތުރުން 200 ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއް ވަނީ ބަހައްޓާފައެވެ.
ހަމައެއާއެކު، ނަރުދަމާގެ ޚިދުމަތަށް ތިން ޕަންޕިންގ ސްޓޭޝަނާއެކު ސްވަރޭޖް ޓްރީޓްމެންޓް ޕްލާންޓެއް ވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި 13.1 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި، 10.4 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އަޅައި، ސީ އައުޓްފޯލް އެޅުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން ރަށުގެ ގޭބީސީތަކާއި އެހެނިހެން އިމާރާތްތަކުގައި ނަރުދަމާ ގުޅައިދިނުމަށް ޗެކްޕިޓް ބެހެއްޓުމާއި، ފެން މީޓަރުތައް ހަރުކުރުމުގެ އެންމެހައި މަސައްކަތްތައް ވެސް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.




