ދަރިންނަށް ހަރަދު ނުދޭ މައްސަލައިގައި ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން މީހަކު ޖަލަށްލުމަށް ހުކުމްކޮށް، ވަނަވަރު އާއްމުކޮށްފިއެވެ.
ކޯޓުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކ. ކާށިދޫ / ހެޕީނައިޓް، އަޙްމަދު އަންވަރު ދެ މަސްދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ ދަރިންގެ ޚަރަދު ނުދެއްކުމާ ގުޅިގެން ތަންފީޒީ ފިޔަވަޅެއްގެ ގޮތުގައެވެ.
ލަންދޫ ކޯޓުން ބުނީ ފޮޓޯ އާންމުކުރީ އާއިލާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ކަމަށެވެ. މި މާއްދާގެ ދަށުން، ދަރިންނަށް ޚަރަދު ނުދޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމާއި، ބޭންކް އެކައުންޓްތައް ބެލުމާއި، އެކައުންޓްތައް ފްރީޒްކުރުމާއި، ކުއްޔަށް ދޫކޮށްފައިވާ މުދަލާ ހަވާލުވުމުގެ އިތުރުން، އެފަދަ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ބާރު ވެސް ކޯޓަށް ލިބިދެއެވެ.
ދަރިންނަށް ޚަރަދު ނުދޭ މީހުންގެ ފޮޓޯ އާންމުކުރުމުގެ އުސޫލު އެންމެ ފުރަތަމަ ފެށީ ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެ ފަހުން އެހެން ބައެއް ކޯޓުތަކުން ވެސް ވަނީ ދަރިންނަށް ޚަރަދު ނުދޭ މީހުންގެ ފޮޓޯ އާންމުކުރަން ފަށައިފައެވެ.



