މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް މިދިޔަ ހަފުތާގެ ތެރޭގައި 1،655 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މުއްދަތުގައި އެންމެ ގިނައިން އެތެރެކޮށް ކްލިއާކޮށްފައިވަނީ ކާބޯތަކެތީގެ އަސާސީ ބާވަތްތަކެވެ.
އެމްޕީއެލް އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މި މަހުގެ 9 އިން 15 ގެ ނިޔަލަށް ޖުމްލަ 40،275.52 ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ އުޅަނދުފަހަރުން ގެނައި 1،312 ކޮންޓެއިނަރު (38،088.37 ފްރައިޓް ޓަން) އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި ކޮންސައިންމަންޓް މުދަލުގެ 343 ކޮންޓެއިނަރު (2،187.15 ފްރައިޓް ޓަން) ހިމެނެއެވެ.
އަވަހަށް ހަލާކުވާ ޒާތުގެ މޭވާއާއި ތަރުކާރީގެ 62،092 ޕެކޭޖު މިދިޔަ ހަފުތާގައި ކްލިއާކޮށްފައިވާއިރު، އެންމެ ގިނައިން ގެނެސްފައިވަނީ ބިހާއި ފިޔަލެވެ. އެގޮތުން ކްލިއާކުރި މުހިންމު ބާވަތްތަކުގެ ތެރޭގައި:
- ބިސް: 17،097 ކޭސް
- ފިޔާ: 10،836 ބަސްތާ
- ކަރާ: 7،311 ކޭސް
- އަލުވި: 6،575 ބަސްތާ
- ޓޮމާޓޯ: 4،877 ކޭސް
މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ ހަފުތާގައި ކޮންޓެއިނަރު އުފުލާ 1 ބޯޓާއި އާންމު މުދާ އުފުލާ 4 ބޯޓު ކައިރިކުރިއިރު، ކޮންޓެއިނަރު އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 3 ބޯޓު ވަނީ ފުރާފައެވެ. މީގެއިތުރުން 766 ކޮންޓެއިނަރު ބޭލުމާއި 1،287 ކޮންޓެއިނަރު ބޭރުކުރުމާއެކު ޖުމްލަ 2،053 ކޮންޓެއިނަރުގެ އޮޕަރޭޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ސަރުކާރުން ބާރުމިނުގައި ކުރިއަށްގެންދާއިރު، އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި އެ ބަނދަރު ހުޅުވައި ޚިދުމަތް ދޭން ފެށުމެވެ.



