ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ’ސައިޓޯޓޮކްސިކް‘ ކުނި މެނޭޖުކޮށް ރައްކާތެރިކަމާއެކު ބަންދުކޮށް ބަހައްޓާނެ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށްޓަކައި، މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާއާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ވެމްކޯއާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ވުޒާރާއިން މަޝްރޫޢު ވިލަރެސްކުރާއިރު، ހޮސްޕިޓަލުން ކުނި އުފުލުމާއި މަރުކަޒު ހިންގުމުގައި އެހީތެރިވެދޭނެއެވެ. އަދި ވެމްކޯއިން އެ މަރުކަޒު ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ހިންގާނެއެވެ.
ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި 2019 އިން ފެށިގެން ދެމުން އަންނަ ކީމޯތެރަޕީގެ ޚިދުމަތާ ގުޅިގެން ޖަމާވެފައިވާ ގާތްގަނޑަކަށް 70 ކިލޯގެ ނުރައްކާތެރި ސައިޓޯޓޮކްސިކް ކުނި ނައްތާލުމަށް ފެށި މަސައްކަތެކެވެ. މިފަދަ ކުނީގެ ސަބަބުން އިންސާނުންގެ ދުޅަހެޔޮ ސެލްތަކަށާއި، ތިމާވެއްޓަށާއި ޢާންމު ޞިއްޙަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް މި މަރުކަޒުން މަގުފަހިވާނެއެވެ.
މި މަރުކަޒުގައި ސައިޓޯޓޮކްސިކް ކުނި ރައްކާތެރިކުރާނީ ސޯޑާ ލައިމްއާ އެއްކޮށް، ހައި-ޑެންސިޓީ ޕޮލީއެތިލީން ފީފާތަކަށް އަޅައި ސިމެންތިން ބަންދުކޮށް ލޭބަލް ކޮށްގެންނެވެ. މި އިންތިޒާމުގެ ސަބަބުން ކުނި އެންދުމުން ވައިގެ ތެރެއަށް ބޭރުވާ ’ޑައިއޮކްސިން‘ އަދި ’ފިއުރަން‘ ފަދަ ނުރައްކާތެރި ވިހަ ގޭސްތައް (ޔޫ-ޕޮޕްސް) މަދުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.
މި މަރުކަޒު އިމާރާތްކުރުމަށް ހިތަދޫން ބިން ހަވާލުކޮށްފައިވާއިރު، މި އަހަރުގެ ތެރޭގައި ޚިދުމަތް ފެށޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގައި މިފަދަ ކުންޏަށް ޚާއްސަކޮށް ހަދާ ފުރަތަމަ މަރުކަޒަށް ވުމުން، މިއިން ލިބޭ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ސިއްޙީ މަރުކަޒުތަކަށް ދިމާވެފައިވާ މިފަދަ މައްސަލަތަކަށް ވެސް ދާއިމީ ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.




