ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ބްރިޖު ހައިވޭ ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:42 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރުވަނީ ފުރޮޅާލާފައެވެ. އަދި މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެހެންނަމަވެސް ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބޭގޮތުގައި، މިއީ ރާއްޖޭގައި އޮތް އެންމެ އަގުބޮޑު އެއް ކާރެވެ. މި އެކްސިޑެންޓްގައި ކާރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ލަމްބޯގިނީ ރިވެލްޓޯގެ މި ކާރުގެ އަގު ޑިއުޓީ އާއި ފްރެއިޓް ލައިގެން ގާތްގަނޑަކަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



