އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ޓްރޭނިންގ ރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމާ ގުޅޭގޮތުން ދިފާޢީ ވުޒާރާއާއި އައިލެންޑް އޭވިއޭޝަނާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާ ބެހޭ ވަޒީރު ޙަސަން ރަޝީދު، އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައެވެ.
މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ އެއަރބޯން ތަމްރީންތަކާއި ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވައިގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، އައިލެންޑް އޭވިއޭޝަނާ ގުޅިގެން ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށާއި، އެއަރބޯން އޮޕަރޭޝަންތަކަށް ބޭނުންވާ އައު ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ބޭއްވުނު ބައްދަލުކުރެއްވުމެއް ކަމަށެވެ.
އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަކީ 2009 ވަނަ އަހަރު އިފްތިތާހްކުރި، ޚާއްސަ އޮޕަރޭޝަންތަކާއި ކައުންޓަރ ޓެރަރިޒަމް އަދި ރެސްކިއު މިޝަންތައް ހިންގުމަށް ތަމްރީނުކުރެވިފައިވާ އެލީޓް ޔުނިޓެކެވެ.
މި ޔުނިޓްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ނުރައްކާތެރި ހާލަތްތަކުގައި ރަހީނުން ސަލާމަތްކުރުމުގެ އިތުރުން އެއްގަމާއި، ކަނޑާއި، އަދި ވައިގެ މަގުން ހިންގަންޖެހޭ އެންމެ ނުރައްކާތެރި ސާޖިކަލް އޮޕަރޭޝަންތައް ހިންގުން ހިމެނެއެވެ.



