މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދަށް ހަވަނަ އިސްލާހު ގެނެސް، އެ ޤަވާއިދު ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
މިއިސްލާހުގެ ދަށުން ރާއްޖޭގެ ޓެކްސް ނިޒާމަށާއި، ބޭރު ފައިސާއިން ހިސާބު ބެލެހެއްޓުމުގެ މިންގަނޑުތަކަށާއި، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކުންފުނިތަކާއި ޕާޓްނާޝިޕްތައް އުވާލުމާ ގުޅޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، އެއް ފަރާތަށްވުރެ ގިނަ ފަރާތަކުން އުޖޫރަ ލިބޭ މީހެއްނަމަ، އަދި އުޖޫރަދޭ އެއްވެސް ފަރާތަކުން އެމީހާ ރަޖިސްޓްރީކޮށްފައިނުވާނަމަ، އެމީހަކު އަމިއްލަޔަށް މީރާގައި ރަޖިސްޓްރީވުން ވަނީ ލާޒިމުކޮށްފައެވެ. އަދި 12 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 60,000 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ލިބޭނަމަ މީރާގައި ރަޖިސްޓްރީވުންވެސް ވަނީ ލާޒިމުކޮށްފައެވެ.
މީގެ އިތުރުން، ޕާޓްނާޝިޕްތައް އުވާލުމުގެ މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި މީރާއަށް އަންގަންޖެހޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، އަހަރެއްގެ ތެރޭގައި 500,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޕާޓްނާޝިޕްތައް އުވާލާ ފަރާތްތައް ޓެކްސް ދައްކަންދެން މީރާގައި ރަޖިސްޓްރީ ކުރުވުމުގެ ބާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ.
މުވައްޒަފުންގެ އެކޮމަޑޭޝަނާއި ވިތުހޯލްޑިންގ ޓެކްސްގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ފަޅުރަށްރަށާއި ރިސޯޓުތަކުގެ އިތުރުން ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިންނަށް ދޭ އެކޮމަޑޭޝަނަކީ ދިރިއުޅެން އެކަށީގެންވާ ވަކި މިންގަނޑުތަކަކަށް ފެތޭ ތަންތަން ކަމުގައި ވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
އާމްދަނީން ވިތުހޯލްޑިންގ ޓެކްސް ކަނޑާނެ އައު ރޭޓުތައް ތަރުތީބުވެފައިވަނީ 60,000 ރުފިޔާއާ ހަމައަށް 0 އިންސައްތަ، 60,000 އާއި 100,000 ރުފިޔާއާ ދެމެދު 5.5 އިންސައްތަ، 100,000 އާއި 150,000 ރުފިޔާއާ ދެމެދު 8 އިންސައްތަ، 150,000 އާއި 200,000 ރުފިޔާއާ ދެމެދު 12 އިންސައްތަ އަދި 200,000 ރުފިޔާއަށްވުރެ މަތީގެ އާމްދަނީތަކުން 15 އިންސައްތައެވެ.
މި ގަވާއިދުގައި ފައިނޭންސް ލީސް އަދި އޮޕަރޭޓިންގ ލީސް ވަކިކުރާނެ މިންގަނޑުތަކާއި، ކެޕިޓަލް އެލަވަންސް ދިނުމުގައި 2020 އިން 2026 އާ ދެމެދު ހޯދާފައިވާ މުދަލާއި 2027 އިން ފެށިގެން ހޯދާ މުދަލަށް ވަކި އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. އަދި ޖުމްލަ އާމްދަނީގެ 50 އިންސައްތައަށްވުރެ ބޮޑުބައެއް ބޭރު ފައިސާއިން ލިބޭ ވިޔަފާރިތަކުން، ޓެކްސް ހިސާބުތައް ބެލެހެއްޓުމަށް ’ފަންކްޝަނަލް ކަރަންސީ‘ އެއްގެ ގޮތުގައި އެ ފައިސާއެއް ބޭނުންކުރަންޖެހޭނެ ކަމަށާއި، ބޭރު ފައިސާ ބަދަލުކުރުމުގައި އެމްއެމްއޭގެ ރޭޓުތަކާ އެއްގޮތްވާންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ މިންގަނޑުތަކުގެ ތެރޭގައި އަހަރީ ޖުމްލަ އާމްދަނީ 10 މިލިޔަން ރުފިޔާއަށްވުރެ އިތުރުވާ ނުވަތަ އެސެޓްގެ އަގު 30 މިލިޔަން ރުފިޔާއަށްވުރެ ބޮޑުވާ ވިޔަފާރިތައް އޮޑިޓްކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.
މި އިސްލާހު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. އެހެންކަމުން ޓެކްސް ދައްކާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުން މި ބަދަލުތަކާ އެއްގޮތަށް އަމަލުކުރުމަށް މީރާއިން އެދިފައިވެއެވެ.




