ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ޔޫއެންޑީޕީ އަދި ޔުނިސެފްގެ އެހީތެރިކަމާއެކު، ހއ. ކެލާގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށާއި ކުއްލި ހާލަތުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީނުކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
5 ދުވަހުގެ މުއްދަތަށް ކުރިއަަށް ދިޔަ މި ބައްދަލުވުމުގައި ކެލާ ކައުންސިލާއި، އެކި މުއައްސަސާތަކާއި، އާންމު ރައްޔިތުން ހިމެނޭހެން 30 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.
މި މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ތިން ދުވަހު ރަށަށް ދިމާވާ ނުރައްކާތަކާއި ކާރިސީ ހިރާސް ކުޑަކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލެވުނުއިރު، ފަހު ދެ ދުވަސް ހާއްސަކުރެވުނީ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމު ތަމްރީނުކުރުމަށެވެ. މީގެ ތެރޭގައި އެމަރޖެންސީ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދަސްކޮށްދިނުމުގެ ތަމްރީނު ހަރަކާތެއް ވެސް ކުރިއަށް ގެންދެވުނެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އައިޝަތު ސަފޫރާ ފާހަގަކުރެއްވި ގޮތުގައި މިއީ ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިއީ ރަށު ފެންވަރުގައި ވިލުންތެރިކަން އިތުރުކުރުމަށް އެންޑީއެމްއޭ އިން ކުރިއަށް ގެންދާ ’ކޮމިއުނިޓީ ރެސިލިއަންސް ބިލްޑިންގ‘ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދެވުނު ތަމްރީނަކަށް ވާއިރު، އިތުރު ރަށްރަށުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.




