މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުން ގްރާންޓުތަކާއި ސަބްސިޑީއަށް ކުރި ޚަރަދު 8 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ޚަރަދުކުރި އަދަދާ އަޅާބަލާއިރު 44 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގްރާންޓުތަކާއި ސަބްސިޑީއަށް މުޅި ޖުމްލަ 8.08 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ދައުލަތުން ޚަރަދުކޮށްފައިވަނީ 5.6 ބިލިޔަން ރުފިޔާއެވެ.
ސަރުކާރުން ސަބްސިޑީ ދެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތަކެއްޗާއި ޚިދުމަތްތައް ދިނުމަށް ހިނގާ ޚަރަދާއި، ކޮންޓްރޯލް އަގުގެ ފަރަގު ފޫބެއްދުމަށާއި، އަސާސީ މުދަލާއި ޚިދުމަތްތައް ހިނގާ ޚަރަދަށްވުރެ އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަބްސިޑީއަށް ކުރި ޚަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް މުޅި ޖުމްލަ 3.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ހޭދަކޮށްފައިވަނީ 1.9 ބިލިޔަން ރުފިޔާއެވެ. މިއީ 78.4 އިންސައްތައިގެ އިތުރުވުމެކެވެ. ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުމުންނެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ، ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީގެ ސަބަބުން އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.
ސަބްސިޑީއަށް ފަހު ދެން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުތަކަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް 1.4 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި 1.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި އާސަންދައިގެ އެކި ސްކީމުތަކަށް ދައުލަތުން 1.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު އުޅުނީ 1.1 ބިލިޔަން ރުފިޔާގައެވެ. މިއީ 14 އިންސައްތައިގެ އިތުރުވުމެކެވެ.
އާސަންދައިގެ ޚަރަދުތައް މައްޗަށް ދިޔަނަމަވެސް، މެޑިކަލް ވެލްފެއާއަށް ކުރި ޚަރަދު ވަނީ 23 އިންސައްތަ ދަށްވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް މެޑިކަލް ވެލްފެއާއަށް ޚަރަދުވެފައިވަނީ 149 މިލިޔަން ރުފިޔާއެވެ.
ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އެ ޚިދުމަތަށް 194 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.



