މީހަކު ކޮޓަރިއަކަށް ވައްދައި، އެމީހާއަށް ބިރު ދައްކައިގެން ފައިސާ ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދެ މީހަކު ބަންދު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ކ. މާލެއަށް ނިސްބަތްވާ 43 އަހަރުގެ ދިވެހި ފިރިހެނަކާ 39 އަހަރުގެ އަންހެން މީހާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ މިއަދު ބަންދުގެ މުއްދަތު ޖަހާފައެވެ. އެ ދެ މީހުންގެ މައްޗަށް އެ ކޯޓުން ޖަހާފައި ވަނީ 15 ދުވަހެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ، އެދެ މީހުންގެ ބަންދާ މެދު ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކީގެ ގޮތުގައި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓްތައް ލިބިފައިވާ ކަމަށެވެ.
އަދި، އެ ދެމީހުން ބަންދުގައި ބަންދުގައި ބަހައްޓަން ޖެހެ ހާލަތްތަކުގެ ތެރޭގައި، ހައްޔަރު ކުރުމުގައި ރެކޯޑް ހިމެނުމާއި، އަމަލީ ގޮތުން ކުށްކުރުމުގައި ބައިވެރިވުމާއި ޖަމާއަތް ހަދައިގެން ކުށްކުރުން ހިމެނޭކަން އެ އަމުރުގައި ފާހަގަކޮށްފައި ވެއެވެ.
ރަހީނުކުރުމާއި، ބިރުދައްކައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފަ އެވެ.
އެގޮތުން ދާދިފަހުން ހުޅުމާލޭގައި ވެސް އޮޅުވާލައިގެން ގެއަކަށް ވައްދާ، ބިރު ދެއްކުމަށް ފަހު ފައިސާ ފޭރުނު މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
ފުލުހުން ދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.



