ފަލާޙު ޕްރީސްކޫލުގެ ރަސްމީ ވެބްސައިޓު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި ވެބްސައިޓު އިފްތިތާޙުކޮށްދެއްވީ ފަލާހު ޕްރީސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، އެމަނިކުފާނަށް ވަނީ ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ ފަލާޙް ޕްރީސްކޫލްގެ ޗީފް އެގްޒެކެޓިވް، އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރެވެ.

މި ރަސްމިއްޔާތުގައި ފަލާޙު ޕްރީސްކޫލަށް 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވާއިރު، ސްކޫލުގެ ލޯގޯ ފަރުމާކުރި ފަރާތްތަކަށްވެސް ވަނީ ސެޓްފިކެޓު ދީފައެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން ސްކޫލުގެ ޗީފް އެގްޒެކެޓިވް ވަނީ، ފަލާޙު ޕްރީސްކޫލު މިހާހިސާބަށް ގެނައުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ފަލާޙު ޕްރީސްކޫލަކީ މަރްހޫމް އަބޫބަކުރު އިބްރާހިމް އިސްނަންގަވައިގެން 1961 ވަނަ އަހަރު ރަޖިސްޓްރީކުރި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާޙުގެ ދަށުން ހިންގާ ސްކޫލެކެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެ ޖަމިއްޔާއިން ކުރަމުންދިޔަ މަސައްކަތްތައް ފުޅާވެ، ’މަދަރުސަތުލް ފަލާޙު’ގެ ނަމުގައި ސްކޫލެއް އުފެއްދީ 1976 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ގައެވެ. އޭގެފަހުން ތުއްތު ކުދިންނަށް ޕްރީސްކޫލު ތަޢުލީމު ދޭން ފަށައި، ސްކޫލުގެ ނަން ’ފަލާޙު ޕްރީސްކޫލް’ގެ ނަމަށް ބަދަލުކުރީ 2001 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ގައެވެ.
މަދު އަދަދެއްގެ ދަރިވަރުންނާއެކު ފެށި މި ސްކޫލުގައި މިހާރު ނާސަރީއާއި ބޭބީ ނާސަރީގެ ކްލާސްތައް ދެ ދަންފަޅިއަށް ދަނީ ހިންގަމުންނެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ޤައުމީ މަންހަޖާ އެއްގޮތަށް ކިޔަވައިދެމުން އަންނަ މި ސްކޫލަކީ، ޒަމާނީ ވަސީލަތްތަކާއެކު މުދައްރިސުން ތަމްރީނުކޮށްގެން ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެމުން އަންނަ މުއައްސަސާއެކެވެ.




