މި އަންނަ ސެޕްޓެންބަރު މަހު ބިންގާ އެޅުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ކިޔާނެ ނަމަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެންފިއެވެ.
ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 އާ ދެމެދުގައި ތަރައްގީކުރާ މި މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
މިނިސްޓަރު ޑރ. ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ބޮޑު މިސްކިތަށް ކިޔާނެ ނަމަކާ މެދު އާންމުންގެ ހިޔާލަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި މަޝްރޫއުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އަންނަ މަހުގެ ތެރޭގައެވެ. މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ހުޅުމާލޭގެ ބޮޑު މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ މުއްސަނދި ތާރީހާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއަކަށެވެ. އަދި މިއީ އީމާންކަމާއި އިލްމާއި ވަހުދަތު ފަތުރައިދޭ މުހިންމު މަރުކަޒަކަށް ވުމުގެ އިތުރުން، ރާއްޖޭގެ 900 އަހަރުވީ އިސްލާމީ ތާރީހާއި ހިދުމަތް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ ތަރިކައެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކަނޑައެޅިފައިވާ މުނާސަބަތުގައި ބިންގާ އެޅުމަށް ކުރަންޖެހޭ ހުރިހާ ތައްޔާރީތައް ފުރިހަމަކުރުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މިސްކިތް ކޮމްޕްލެކްސްގެ ތެރޭގައި މިސްކިތުގެ އިތުރުން ގުރުއާން މިއުޒިއަމަކާއި އެހެނިހެން މުހިންމު ވަސީލަތްތައް ވެސް ހިމެނޭނެއެވެ.



