ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ”ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް“ މާލޭގައި ފަށައިފިއެވެ.
މި ފޯރަމް ކުރިއަށްދަނީ މި މަހުގެ 23 އިން 25 ގެ ނިޔަލަށް ބާސެލޯސް ނަސަންދުރާ މާލެ ހޮޓެލްގައެވެ.
ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެހީދޭ ޤައުމުތަކާއި ޖަމްޢިއްޔާތަކުގެ އިތުރުން ދިރާސާވެރިންގެ ޙިއްސާ އިތުރުކުރުމެވެ. މި ފޯރަމްގެ ތެރެއިން އެ ޤައުމުތަކުގައި ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށާއި، އިންވެސްޓްމަންޓްތައް ދެމެހެއްޓުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް ތަޖުރިބާ ޙިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ފޯރަމްގައި 30 އަށްވުރެ ގިނަ ޤައުމުގެ ސަރުކާރުތަކުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އިންވެސްޓަރުންނާއި މަދަނީ ޖަމްޢިއްޔާތައް ހިމެނޭހެން 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.
މި އަހަރުގެ ފޯރަމްގައި 5 ޕެނަލް މަޝްވަރާއަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްއެއްގެ އިތުރުން އިންވެސްޓްމަންޓް ޝޯކޭސްތަކާއި ނެޓްވޯކިން ފުރުޞަތުތައް ހިމެނެއެވެ. މާކެޓްޕްލޭސްގައި ކުދި ޖަޒީރާ ޤައުމުތަކުގެ 15 ބައިވެރިއެއްގެ މަސައްކަތްތަކާއި އުފެއްދުންތައް ދައްކާލުމަށް ވަނީ ބަހައްޓާފައެވެ. މިއީ ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަށް 10 އަހަރު ފުރޭ އަހަރު ކަމަށްވާއިރު، މިއީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބިއުޑާގައި ފާސްކުރި 10 އަހަރުގެ ތަރައްޤީގެ ތަޞައްވުރު ”އަބާސް“ ފާސްކުރުމަށްފަހު ބާއްވާ މި ސިލްސިލާގެ ފުރަތަމަ ފޯރަމެވެ.
މި ފޯރަމް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ، 2024 ވަނަ އަހަރު ބޭއްވި ސިޑްސްގެ ހަތަރުވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި މާލީ ވަޞީލަތްތައް ހޯދުމަށް ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއް ކަމަށް ސަރުކާރުން ބަޔާންކުރެއެވެ. އެ ކޮންފަރެންސްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޕްލެނަރީ ސެޝަންތައް ޗެއަރ ކުރައްވާފައިވާއިރު، ރާއްޖެއިން ވަނީ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާގެ ދައުރުވެސް އަދާކޮށްފައެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި، މި ފޯރަމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ހައްސާސް މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި ރާއްޖެއިން ޒަމާނުއްސުރެ އަދާކުރަމުން އައި އިސްދައުރު އަލުން އިއާދަވެ، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ބަސްވިކުން އިތުރުވެގެންދާނެއެވެ.
އަދި ރާއްޖޭގެ ތަރައްޤީގެ ކުރިއެރުންތައް އެހެން ޤައުމުތަކާ ޙިއްސާކޮށް، ކާމިޔާބު ތަރައްޤީގެ މޮޑެލްއެއްގެ ގޮތުގައި ރާއްޖެ ހުށަހެޅުމަށް މި ފޯރަމްގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.




