ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ ހަމައެކަނި މޫސުމީ ގޮތުން ނާޒުކު ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްގެންދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް ފޯރަމްގެ އިފުތިތާހީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ވާހަކަ ދެކެވޭއިރު އަބަދުވެސް އަލިއަޅުވާލެވެނީ އެ ޤައުމުތަކުގެ ވެށީގެ ނާޒުކުކަމަށެވެ. ނަމަވެސް އެއީ އެ ޤައުމުތަކުގެ އެއް ބާބުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކަކީ ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކޮށް، ހުރަސްތައް އީޖާދީ ޚިޔާލުތަކަށް އަދި ދުރުމިން ގާތްކަމަށް ބަދަލުކުރާ ޤައުމުތަކެއް ކަމަށެވެ. އަދި މިފަދަ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުން ކަމަށާއި، ކުދި ޤައުމުތައް ފަންނިއްޔާތާއި އީޖާދުތައް ތަޙުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސުމޭކު (ޑިޖިޓަލް) ގުޅުންތަކަކީ މިއަދު ވިޔަފާރިއާއި، މާލީ ޚިދުމަތްތަކާއި، ފަތުރުވެރިކަމުގެ އިތުރުން އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤްތިޞާދީ ބިނާރެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޖޯގުރަފީ ގޮންޖެހުންތަކުން އަރައިގަތުމަށް ’މޯލްޑިވްސް 2.0‘ އެޖެންޑާގެ ދަށުން ސުމޭކު ފަންނިއްޔާތު ބޭނުންކުރަމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޒުވާން ވިޔަފާރިވެރިންނާއި ސްޓާޓް-އަޕްތަކަށް، ޚާއްޞަކޮށް އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ރައީސް ހާމަކުރެއްވިއެވެ. އަދި ޒަމާނީ ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި، 2027 ގައި ޤާއިމުކުރާ ޓްރޭޑް އެކްސެލެރޭޝަން ޒޯނުގެ އިތުރުން، ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދީ ޚިޔާލުތައް ވިޔަފާރިތަކާއި، މާލީ އެހީތެރިކަމާއި، ފަންނިއްޔާތާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ގްލޯބަލް ބިޒްނަސް ނެޓްވަރކް ތަރައްޤީކުރުމަށް އދ. ގެ ކުދި ޖަޒީރާ ޤައުމުތަކާބެހޭ އޮފީހަށް ގޮވާލެއްވިއެވެ.



