ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ ޕްރޮކިއުމަންޓް ސިޔާސަތު މުރާޖައާ ކުރުމަށް ހާއްސަ ސިމްޕޯޒިއަމްއެއް ބާއްވައިފިއެވެ.
ފެނަކައިން ބުނިގޮތުގައި، އެ ކުންފުނީގެ އެކި ދާއިރާތަކުން 50 ހަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި މި ސިމްޕޯޒިއަމްގެ މައިގަނޑު މަގުސަދަކީ އަލަށް އެކުލަވައިލާ ޕްރޮކިއުމަންޓް ސިޔާސަތާ ގުޅޭގޮތުން މަޝްވަރާކޮށް، މުވައްޒަފުންގެ ހިޔާލާއި ތަޖުރިބާ ހޯދުމެވެ.
އަދި މި ސިޔާސަތަކީ ގަވާއިދުތަކަށް ފެތޭ، ކުންފުނީގެ އޮޕަރޭޝަނަލް މަސައްކަތްތަކާ އެލައިންވާ ސިޔާސަތެއްކަން ކަށަވަރު ކުރުމެވެ.
މި ސިމްޕޯޒިއަމްގައި ޕްރޮކިއުމަންޓް ޕްލޭން ކުރުމާއި، ބިޑް ކުރުމާއި އިވެލުއޭޝަން މަރުހަލާތަކާއި، ކޮންޓްރެކްޓް ހަވާލުކުރުމާއި މެނޭޖްކުރުން، ޝަކުވާ ހުށަހެޅުމުގެ ނިޒާމު، އަދި ރެކޯޑް ބެލެހެއްޓުން ފަދަ މުހިންމު ދާއިރާތަކަށް އަލިއަޅުވާލާފައިވާ ކަމަށް ފެނަކައިން ބުންޏެވެ. މީގެ އިތުރުން، މިހާރު އަމަލުކުރަމުންދާ ނިޒާމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އާ ސިޔާސަތުގެ ދަށުން އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ބައިވެރިން ހިޔާލު ބަދަލުކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ފެނަކައިން ބުނިގޮތުގައި، މި ބައްދަލުވުމުން ވަނީ އަމަލީ ގޮތުން ޕްރޮކިއުމަންޓް މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ ފަރާތުން ފަންނީ ލަފަޔާއި އިރުޝާދު ލިބިފައެވެ. މީގެ ސަބަބުން ސިޔާސަތު ތަންފީޒު ކުރުމުގައި ކުރިމަތިވެދާނެ ދަތިތައް ދެނެގަނެވި، ކުންފުނީގެ ބޭނުންތަކަށް ފެތޭ، ހަރުދަނާ އަދި ނަތީޖާ ނެރެވޭނެ ފަދަ ސިޔާސަތެއް އެކުލަވައިލުމަށް މަގުފަހިވެގެންދާނެއެވެ.
މިއީ ފެނަކައިގެ ޕްރޮކިއުމަންޓް ނިޒާމަށް ގެންނަން ނިންމާފައިވާ ބޮޑު އިސްލާހީ ބަދަލުގެ މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފެނަކައިގެ ޕްރޮކިއުމަންޓް ސިޔާސަތު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ އުސޫލުތަކާ އެއްގޮތްކުރުމަށާއި، ދެފުށް ފެންނަ، ޒިންމާދާރު، އަދި ހަރަދާ އެކަށޭނަ ނަތީޖާ ނެރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް ކުރާ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށާއި ފެނަކައިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުންފުނީގެ ސިޔާސަތުތައް ބައްޓަން ކުރުން ކަމަށް އެކުންފުނިން ބުންޏެވެ.



