ބޭރު ފައިސާގެ ގާނޫނުގެ ދަށުން އެއްވެސް ގޮތަކަށް ބޭރުފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފިއެވެ.
އެމްއެމްއޭއިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި ގާނޫނުގެ ދަށުން އެއްވެސް ގޮތަކަށް ޑޮލަރު މާރުނުކުރަނީ ދެ ރިސޯޓަކުންނެވެ. އެއީ ރަހާ ރިސޯޓް އަދި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ. ނަމަވެސް، ގިނަ ރިސޯޓުތަކުން ގާނޫނާ އެއްގޮތަށް ބޭރުފައިސާ މާރުކުރަމުންދާ ކަމަށާއި، ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާ ގޮތުގައި %78 ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކޮށްފައިނުވަނީ %20 ރިސޯޓުންނެވެ.
މީގެ ތެރެއިން ގިނަ ރިސޯޓްތަކުން ކޮންސެޝަނެއް ދިނުމަށް އެދިފައިވީ ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ސަފާރީތައް ހިމެނޭ ކެޓަގަރީ ބީއަށް ބަލާއިރު، ރަޖިސްޓްރީވެފައިވާ ތަންތަނުގެ ތެރެއިން %48 ތަނުން ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން ކުރިއަށް ނުގެންދަނީ %15 ފަރާތުން ކަމަށްވާއިރު، %37 ތަނުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ. މިއީ މެދު ފަންތީގެ ވިޔަފާރިތަކަށް ވުމާއެކު، އެ ފަރާތްތަކަށް އިތުރު ފުރުސަތުދީ ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
އަހަރަކު 15 މިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ކެޓަގަރީ ސީގެ ވިޔަފާރިތަކުގެ ތެރެއިން %38 ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދިޔަ ނަމަވެސް، %33 ވިޔަފާރިން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެއެވެ. އަދި %29 ތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައިނުވާއިރު، މި ވިޔަފާރިތަކުން ކޮންސެޝަން ހޯދުމަށް އެދިފައިވާތީ، ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ %90 އެމްއެމްއޭއަށް ނަގާއިރު، އޭގެ ތެރެއިން %30 ދިވެހި ބޭންކުތަކަށް އިސްކަންދީގެން ބޭންކުތަކަށް ދޫކުރެއެވެ. މި ފައިސާ ބޭނުންކުރެވެނީ އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުފައިސާގެ އެހީތެރިކަން ދިނުމަށެވެ.



