މި ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް ޑޮލަރުން ޚަރަދުކޮށްފައިވާ އަދަދު ފާއިތުވި ދެ ސަރުކާރަށްވުރެ އިތުރުކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ދަރަނި ދެއްކުމަށް ރިޒާވްގެ 56 އިންސައްތަ ބޭނުން ކުރަމުންދާ ކަމަށެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ކުރީގެ ދެ ސަރުކާރުން ދަރަނި ދައްކަން ހޭދަކޮށްފައިވާ އަދަދަށްވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ރައީސް ޔާމީންގެ ސަރުކާރުގައި ދެއަހަރު ބައިގެ ތެރޭގައި ދެއްކިފައިވަނީ 191 މިލިޔަން ޑޮލަރު. ރައީސް ސާލިޙުގެ ސަރުކާރުގައި ދެއަހަރު ބައިގެ ތެރޭގައި ލޯނުގެ ގޮތުގައި ދައްކާފައިވަނީ، 428 މިލިޔަން ޑޮލަރު. އެހެންނަމަވެސް އަޅުގަނޑުމެން މި ސަރުކާރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މިހާތަނަށް އާއިރު 1.293 ބިލިޔަން ޑޮލަރު ދަރަނި ދެއްކުމަށް ހޭދަކުރެވިފައިވޭ. އެހެންވީމަ މިއީ ކުރިން ދިޔަ ސަރުކާރުތަކާއި ބަލާއިރު ވަރަށް ބޮޑު އަދަދެއް ދަރަނި ދައްކަން ޑޮލަރުން ހޭދަކުރަން މިޖެހުނީ،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަޤުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކުވެސް މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދައުލަތަށް ލިބޭ ޑޮލަރުގެ އާމްދަނީ ބޭނުންކުރަނީ ޤައުމުގެ މުހިންމު ކަންކަމަށް ކަމަށެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފުރާ މީހުންނާއި ބޭސްފަރުވާއަށް ފުރާ މީހުންނަށް ޑޮލަރު ދޫކުރުމާއި، ބޭރުގައި ކިޔަވާ ދަރިވަރުންގެ ފީ ދެއްކުމާއި، ދިވެހި ވިޔަފާރިތަކަށާއި ރައްޔިތުންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ އިތުރުން ތެލާއި ގޭސް ފަދަ ޒަރޫރީ ތަކެތި ގަތުން ހިމެނެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކާއި ޚަރަދުތައް މެނޭޖުކުރުމަށް ސަރުކާރުން ވަރަށް ގާތުން ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި ދެއްކުމާއި ޒަރޫރީ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލަ ހައްލުކޮށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ބޭރު ފައިސާގެ ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، ކުރިއަށް އޮތްތަނުގައިވެސް ދައުލަތުގެ އިދާރާތަކާ ގުޅިގެން ރިޒާވު އިތުރަށް ވަރުގަދަކުރުމުގެ ސިޔާސަތުތައް ރާވައި ތަންފީޒުކުރަމުން ގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.




