ޣައްޒާގައި ކުޑަކުދިން ގުޑިއަރުވައި ފުއްޕާހަން ދޫކުރާ ކަމަށް ބުނެ، އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުން ދިން ނިރުބަވެރި ހަމަލާތަކެއްގައި ހަތަރު އަހަރުގެ ކުޑަކުއްޖަކު ހިމެނޭހެން ދެ މީހުން ޝަހީދުވެ އިތުރު ހަތަރު މީހަކު ޒަޚަމުވެއްޖެއެވެ.
މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ އަލް-ޒަވަޔިދާ، ނުޞަޔިރާތު ރެފިއުޖީ ކޭމްޕް އަދި ދަޔިރް އަލް-ބަލަޙަށެވެ.
ހަމަލާތައް ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުންތަކާ ޚިލާފަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 1,280 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޙަމާސް ޖަމާޢަތުން ހާމަކޮށްފައިވާ ގޮތުގައި، ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރުމަށް އެކުލަވައިލެވިފައިވާ ޞުލްޙައިގެ މަގުޗާޓުތަކަށް އިސްރާއީލުން ދަނީ ގަސްތުގައި ހުރަސްއަޅަމުންނެވެ.
ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރީގެ ޢަސްކަރު ކޭމްޕުގައި އިސްރާއީލުގެ ސިފައިން ހިންގި އުދުވާނުގައި 14 އަހަރުގެ ކުއްޖަކު ވަނީ ޝަހީދުކޮށްލާފައެވެ.
ހަމައެއާއެކު، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ހުޅަނގު އައްސޭރީގެ ފަލަސްޠީނު ބިންތައް ފޭރިގަނެ، އެ ސަރަޙައްދުތަކުގައި ޔަހޫދީން ގަދަކަމުން ވަޒަންވެރިކުރުވުމުގެ ނުރައްކާތެރި މަޝްރޫޢުތައްވެސް އެ ފަރާތުން ދަނީ ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ.



