އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި، އެ އަތޮޅެއްގެ އެހެން ރަށެއްގެ މުވައްޒަފެއް ވަޒީފާއަށް ނެގޭ ގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން އުޞޫލެއް އެކުލަވާލައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލި މި އުޞޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް ފުރުޞަތު ހުޅުވާލެވޭ މަޤާމަކީ، މުވައްޒަފަކު ނަގަން ބޭނުންވާ ރަށު ކައުންސިލުގެ އިދާރާއަކަށް ފާސްކޮށްދީފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ އަދި ވަޒީފާ ހަމަޖައްސާ ފަރާތަށް ހިނގާނެ ޚަރަދަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަޤާމަކަށް ވާންޖެހެއެވެ. އަދި މުވައްޒަފުން ހޯދުމަށް ފުރުޞަތު ހުޅުވާލާނީ، އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އުޞޫލުގެ ދަށުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް އެ ފަރާތެއް ދިރިއުޅޭ ރަށުގެ ކައުންސިލުގެ އިދާރާއަށް ޙާޒިރުވެގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދޭންޖެހޭނެއެވެ. ނަމަވެސް، އެފަދަ ފަރާތެއްގެ ދިރިއުޅުން ހަމަޖެހިފައިވާންވާނީ ވަޒީފާ އޮތް އިދާރާ ނިސްބަތްވާ އަތޮޅުގެ ރަށެއްގައެވެ. ވަޒީފާ ހަމަޖައްސާ މުވައްޒަފުގެ މަސައްކަތް މޮނިޓަރކޮށް ބަލަހައްޓާނީ އެ މުވައްޒަފަކު ޙާޒިރުވެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ޙަވާލުވެ ހުރި މުވައްޒަފަކު ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތެކެވެ.
މީގެއިތުރުން، މި އުޞޫލުގެ ދަށުން މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި ޢަމަލުކުރާނީ ”ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑު“ ގައިވާ ގޮތުގެ މަތީންނެވެ. އަދި ވަޒީފާ ދިނުމާއި، ވަކިކުރުމާއި، ކުރިއެރުން ދިނުމުގެ އިތުރުން ވަޒީފާއާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރާނީ ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދުތަކާއި ކޮމިޝަނުން އެކުލަވާލާފައިވާ އުޞޫލުތަކާ އެއްގޮތަށެވެ.
ވަޒީފާ ހަމަޖައްސަންޖެހޭ ކައުންސިލުތަކަށް ބޭނުންވާ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ސިވިލް ސަރވިސް ކޮމިޝަނުން ނުވަތަ އެ ކޮމިޝަނުން ކަނޑައަޅާ އިދާރާއަކުންނެވެ.




