ބްރެޒިލްގެ ޖަންގައްޔަކަށް ހެލިކޮޕްޓަރެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ކޮލަމްބިއާގެ އުމުރުން 17 އަހަރުގެ މަޝްހޫރު ސޯޝަލް މީޑިއާ ތަރި ސޯފިއާ މުރީލޯ އާއި އޭނާގެ އާއިލާގެ މެންބަރުންތަކެއް މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގެ ޖަންގަލި ސަރަހައްދެއްގައެވެ.
މި ދަތުރަކީ އާއިލާއާއެކު ބްރެޒިލް ބަލާލުމަށް ސޯފިއާ ކުރި ޗުއްޓީ ދަތުރެކެވެ. ހެލިކޮޕްޓަރު ވެއްޓި ހިނގި މި ހާދިސާގައި ސޯފިއާގެ އިތުރުން އޭނާގެ މަންމަ ވެންޑީ މެރިންގް (37 އަހަރު) އަދި މާމަ ރޮސިއޯ ކުބިލޯސް (59 އަހަރު) ގެ އިތުރުން ހެލިކޮޕްޓަރުގެ ޕައިލެޓް ވެސް ވަނީ މަރުވެފައެވެ.
ސޯފިއާ އަކީ އިންސްޓަގްރާމާއި ޓިކްޓޮކްގައި 250،000 އަށް ވުރެ ގިނަ ފޮލޯވަރުން ހޯދާފައިވާ، މޭކަޕާއި ރީތިވުމާ ގުޅޭ ތަފާތު ކޮންޓެންޓް އުފައްދަމުން އައި ކާމިޔާބު ޒުވާނެކެވެ.
އޭނާގެ ކުއްލި ވަކިވުމާ ގުޅިގެން މީސްމީޑިއާގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ހިތާމަފާޅުކޮށް ތައުޒިޔާ ކިޔަމުން އަންނައިރު، މި ހާދިސާ މެދުވެރިވާން ދިމާވި މައިގަނޑު ސަބަބު ހޯދުމަށް ބްރެޒިލްގެ ފުލުހުން މިހާރު ދަނީ ހާއްސަ ތަހުގީގެއް ހިންގަމުންނެވެ.



