ދިވެހިރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް ކަމަށްވާ ”ދާރުއްސަލާމް” ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކުރުމަށާއި، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ޖުމްލަ 244 މިލިޔަން ރުފިޔާ ޚަރަދުކުރާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގެ ޕްލޮޓް ނަންބަރު 11646 (އަމީން އެވެނިއު ކުރިމަތީ) ގައި ހަދާ މި އިމާރާތަކީ 13 ފަންގިފިލާއަށް އިމާރާތްކުރެވޭ ޒަމާނީ ތަނެކެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި އިމާރާތުގެ ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަޙައްދާއި ޕާކިންގ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ. މީގެއިތުރުން އިމާރާތުގައި ޕާކިންގ ސަރަޙައްދަކާއި، ކޮންފަރެންސް ހޯލަކާއި، ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދުކުރާ ކޮޓަރިއަކާއި ޑޭ ކެއަރ ސެންޓަރެއް ޤާއިމްކުރެވިގެންދާނެއެވެ.
މި ޢިމާރާތް ފަރުމާކޮށްފައިވަނީ ލިފްޓު ހަރުކޮށް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ އިންތިޒާމުތަކާއެކުގައެވެ. އަދި އިމާރާތުގެ ރޫފް ޓޮޕް ތަރައްޤީކުރަނީ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ.

ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސިންގގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށްފަހު، 5 އަހަރު ދުވަހުގެ މުއްދަތަކަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތްތައް ބަލަހައްޓާނީވެސް އާރްސީސީންނެވެ.
މި މަޝްރޫޢު ނިމުމުން އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އެގޮތުން މި އިމާރާތުން އަހަރަކު 60 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން %20 ޚާއްސަކުރެވޭނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށެވެ. އަދި ބާކީ %80 ޖަމާކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ވަޤްފު ފަންޑަށެވެ.
ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ 26 ނޮވެންބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.




