ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތައަށްވުރެ ބޮޑުބައި ފުރިހަމަކޮށް، ރާއްޖޭގެ އެންމެ ބިން ބޮޑު ރަށުގެ ދަރަޖަ ރަސްމާލެއަށް ލިބިފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
މި މަޝްރޫޢުގެ އަދާހަމަތައް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުހައްމަދު ނާޝިދު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމުގައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށްދާ ކަމަށެވެ.
ނާޝިދު ވިދާޅުވީ މިމަޝްރޫޢުގެ ހިއްކަން ހަމަޖެހިފައިވާ 1150 ހެކްޓަރުގެ ތެރެއިން މިހާތަނަށް 716 ހެކްޓަރު ހިއްކައި ނިންމާފައިވާ ކަމަށެވެ. މިއީ ހިއްކަން ޖެހޭ ބިމުގެ 62 އިންސައްތައަށް ވުރެ އިތުރު އަދަދެކެވެ.
މީގެ ކުރިން ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަކީ 609 ހެކްޓަރުގެ ލ. ގަން ކަމަށްވާއިރު، މިހާރު ރަސްމާލޭގެ ބިމުގެ ބޮޑުމިން ވަނީ ގަމަށްވުރެ 107 ހެކްޓަރު އިތުރުވެފައެވެ.

ރަސްމާލެ މަޝްރޫޢުގެ ޒަރީއާއިން ޖުމްލަ 65،000 ގެދޮރު ޔަގީންވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ. އެގޮތުން، ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ތަޢާރަފުކުރާ އައު އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ރަސްމާލެ ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ކޮންސަލްޓެންސީ ފަރާތެއް ހޯދުމުގެ މަސައްކަތް ވުޒާރާއިން ދަނީ ކުރަމުންނެވެ. މި ޕްލޭނުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކާއި، ޔުޓިލިޓީ ނިޒާމުތަކުގެ އިތުރުން ދަތުރުފަތުރާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމުތަކަށް ޚާއްސަ އިސްކަމެއް ދެވޭނެއެވެ.

ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށުނީ 18 ޑިސެންބަރު 2023 ގައެވެ. އަދި މަސައްކަތުގެ ދުވެލި ހަލުވިކުރުމުގެ ގޮތުން އެމްއޭސީއެލްއާ ހަވާލުކޮށްގެން އަލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 1 ގައެވެ.
ދުނިޔޭގެ އިޤްތިޞާދީ ހާލަތުގެ ސަބަބުން މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް ކުރިމަތިވި ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން މުޅި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވެއެވެ.




