އައްޑޫ ފޭދޫ ސްކޫލްގައި ކުރިއަށްގެންދިޔަ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާވިހަވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އިއްޔެ ބަލަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ކޭމްޕުގައި ބައިވެރި ކުދިންގެ ތެރެއިން 31 ކުއްޖަކަށް ވަނީ ކާނާވިހަވެގެން ހާލު ދެރަވެ، ހޮޑުލައި ކަންތައްތައްވުމުން އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓުކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
އެ ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑޫ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުން ކާނާވިހަވެ، ބައެއް ކުދިން ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ މޮނިޓާކުރަމުން އަންނަ ކަމަށެވެ.
މިކަން ހިނގާދިޔަ ގޮތް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، މި ބާވަތުގެ ކަންކަން ތަކުރާރު ނުވާނެ ގޮތެއްގެ މަތިން ކަންކަން ބައްޓަން ކުރަން ކަމާބެހޭ އިދާރާތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލައިފައެވެ.



