ޢުމާންއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ބޭއްވި ރަސްމީ މަޝްވަރާ ބައްދަލުވުން ޢުމާންގެ ވެރިރަށް މަސްކަތުގައި ބާއްވައިފިއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއާއި، ނޫ އިޤުތިޞާދުގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި ސަޤާފީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ.
މީގެއިތުރުން، ދެ ޤައުމުންވެސް ޝައުޤުވެރިވާ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ އެކި މައްސަލަތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައެވެ.
މަސްކަތުގައި ބޭއްވި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖިއްޔާގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާއެވެ. އަދި ޢުމާންގެ ޚާރިޖީ ވުޒާރާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ސިޔާސީ ކަންކަމާ ބެހޭ ފޮރިން ސެކްރެޓަރީ ޝެއިޚް ޚަލީފާ އަލީ އަލް ޙާރިޘީއެވެ. މި ބައްދަލުވުމުގައި ޢުމާންގެ ޚާރިޖީ ވުޒާރާގެ އޭޝިއާ އަދި ޕެސިފިކް ޑިޕާޓްމަންޓުގެ އިސްވެރިޔާ ޝެއިޚް އަބްދުލްޢަޒީޒު މުޙައްމަދު އަލް ޙުސްނީގެ އިތުރުން ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޢުމާންއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ ވަނީ ޢުމާން ފުޑް އިންވެސްޓްމަންޓް ހޯލްޑިންގގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން، އިޤުތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތްތައް ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ހަމައެއާއެކު، ޢުމާންގެ އިންވެސްޓްމަންޓް ޕްރޮމޯޝަން އިދާރާގެ ޑިރެކްޓަރ ޖެނެރަލްއާވެސް އެކަމަނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އިންވެސްޓްމަންޓުތައް އިތުރުކުރުމާއި، އެންމެ ރަނގަޅު އުސޫލުތަކާއި ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ޒަރީއާއިން އިޤުތިޞާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ.



