އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢުދުވާނުގައި، އެ ސަރަޙައްދުގައި ހުރި 1,275 މިސްކިތުގެ ތެރެއިން 1,244 މިސްކިތަކަށް ހަމަލާދީ، އޭގެ ތެރެއިން 1,077 މިސްކިތެއް އެއްކޮށް ބިމާހަމަކޮށް ސުންނާފަތިކޮށްފައިވާ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފިއެވެ.
މީގެ އިތުރުން މި ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 21,500 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ.
މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި އިސްރާއީލު ސިފައިން ދަނީ ރާވައިގެން، ގަސްދުގައި އާންމު ރައްޔިތުންނަށާއި، މީހުން ދިރިއުޅޭ ގެދޮރަށާއި، މިސްކިތްތަކުގެ އިތުރުން އާންމު ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ބޮންއަޅަމުންނެވެ. އެހެންކަމުން އާންމުންނަށާއި އިސްލާމީ ބިނާތަކަށް ދެމުންދާ މި ހަމަލާތައް ކުށްވެރިކޮށް، ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ދޭ ހަމަލާތައް ހުއްޓުވައި އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުމަށް މަޖުބޫރުކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް އެ އޮފީހުން ވަނީ ގޮވާލާފައެވެ.
މި ބަޔާން ނެރެފައިވަނީ ޣައްޒާއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ބުނެ އިސްރާއީލުން އަނެއްކާވެސް އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ޣައްޒާއިން ފޮނުވާ ގުޑިތަކާ ގުޅިގެން ކަމަށް ބުނެ، ރާވައިގެން ދޭ ހަމަލާތައް އިތުރުކޮށް އާންމުން ދިރިއުޅޭ އަވަށްތައް ހުސްކުރުމުގެ މަސައްކަތް ވަރުގަދަކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް، މި އިންޒާރު ދީފައިވަނީ ހޮނިހިރު ދުވަހު ފެނުނު ހަތަރު ގުޑިއެއްގައި ނުރައްކާތެރި އެއްވެސް އެއްޗެއް ނެތް ކަމަށް އިސްރާއީލު ސިފައިން އަމިއްލައަށް ކަށަވަރުކޮށްދީފައި ވަނިކޮށެވެ.
މުޅި ޖުމްލަ މި ޢުދުވާނުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެ، 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ހުޅަނގު އައްސޭރީގައިވެސް އިސްރާއީލުގެ އަނިޔާވެރިކަން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ފަލަސްޠީނުގެ ”ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓަންސް ކޮމިޝަން“ އިން ހާމަކުރި ގޮތުގައި، މި އަހަރުގެ ޖަނަވަރީން ޖުލައި މަހުގެ ނިޔަލަށް ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ ވަޒަންވެރިން ދިން ހަމަލާތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 63 އިންސައްތަ އިތުރުވެ، 4,113 ހަމަލާއަށް އަރާފައެވެ.
ކޮމިޝަނުން ފާހަގަކުރި ގޮތުގައި މި ހަމަލާތައް އިތުރުވެފައިވަނީ އައު ސަރަޙައްދުތައް ފުޅާކުރުމާއި، ވަޒަންވެރިންނަށް ހަތިޔާރު ދީ ސިފައިންގެ ފުރިހަމަ ހިމާޔަތް ލިބެމުންދާތީއެވެ. ހުޅަނގު އައްސޭރީގައި 592 ޣައިރުގާނޫނީ އާބާދީއެއް ޤާއިމުކޮށް، އެ ސަރަޙައްދުގެ 42 އިންސައްތަ ބިން ވަނީ ފޭރިގެންފައެވެ.
އަދި ހަނގުރާމަ ފެށުނު ފަހުން، ހުޅަނގު އައްސޭރީގައި އެކަނިވެސް 1,182 މީހުން ޝަހީދުކޮށް، 12,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.



