މާލޭގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބަހައްޓާ ދެ ފެން ތާނގީގެ ތެރެއިން ފުރަތަމަ ތާނގީ އަންނަ އަހަރުގެ ސެޕްޓެންބަރު ނުވަތަ އޮކްޓޫބަރު މަހު ބޭނުންކުރަން ފެށޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ ”އަހަށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެމްޑީ ޙުސައިން ފަހުމީ ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު އަދި އެންމެ އުސް ތާނގީތަކެވެ. އަދި ބޮޑު ޚަރަދެއް ހިނގާ މި މަޝްރޫޢުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ނިމިފައިވާއިރު، ތާނގީތަކަށް ބޭނުންވާ ސާމާނު އަންނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބްރުވަރީ މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ދެވަނަ ތާނގީގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައިވަނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
”މި ޕްރޮޖެކްޓުގެ މަސައްކަތް ނިމުމުން މާލޭގައި މިހާރު ހުރި ގިނަ ކަންތައްތަކަށް ހައްލު ލިބިގެންދާނެ. މިހާރުގެ ކެޕޭސިޓީ 10،000 ސްކުއަރ ކިއުބިކް މީޓާރސްގެ ފެން މިހާރު މި ހުރީ. މިހާރު ހުރި ތާނގީއަކީ 30 އަހަރުވެފައިވާ ތާނގީއެއް. ގިނަ ދުވަސްވުމުން އެކި ދަތިތަކާއި ކުރިމަތިވޭ. އެގޮތުން މިހާރު ހުރި އިންފްރާސްރަކްޗަރ ބަދަލުވާން ޖެހޭ. އަލަށް ޤާއިމްކުރެވޭ ތާނގީ ނިމުމުން ކުރިން ހުރި ތާނގީ ތަޅާލާ އެތަނުގައި އައު ތާނގީ އެޅުމުގެ ފުރުސަތު ލިބޭނެ“ ފަހުމީ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމުކުރާ 13،000 ޓަނުގެ ދެ ތާނގީއާއެކު ޖުމްލަ 26،000 ޓަނުގެ ފެން ރައްކާކުރުމުގެ ޤާބިލްކަން މާލެއަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން ފެނުގެ ޑިމާންޑް އެންމެ މަތިވާ ވަގުތުތަކުގައިވެސް އެއްވެސް ދަތިކަމެއް ނެތި ފެން ފޯރުކޮށްދެވި، މެޝިނަރީޒްތައް ބޭނުންކޮށްގެން ފެން އުފައްދަން ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެއެވެ.
މީގެއިތުރުންވެސް، ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް އެމްޑަބްލިޔުއެސްސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމެއް ޤާއިމުކޮށް، އެ ރަށުގައި ފެން ރައްކާކުރެވޭ މިންވަރު ވަނީ 22،600 ޓަނަށް އިތުރުކޮށްފައެވެ.
އަދި މިދިޔަ އަހަރުގެ ޖޫން މަހު މާލޭގައި ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ބަހައްޓައި ބޭނުންކުރަން ފަށާފައިވެއެވެ.



