ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 47 މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި ދަތުރުކުރާ މީހުން އަދި އެ ނިޒާމު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި ޒަމާނާ އެކަށޭނަ ގޮތެއްގެ މަތިން އެއްގަމު ދަތުރުފަތުރުގެ ކަންކަން ރާވައި ހިންގުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.
ބިލުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުމުގެ މިންގަނޑުތަކާއި، ޕާކުކުރުމާއި އުޅަނދު ބޭނުންކުރުމުގެ އުސޫލުތައް ހިމެނެއެވެ. މީގެ އިތުރުން ޤާނޫނާއި ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، ޖޫރިމަނާ އަދި ފީގެ ގޮތުގައި 5,000 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ހާލަތްތަކުގައި ލައިސަންސް ހިފެހެއްޓުމާއި، ޕޮއިންޓް ޑީމެރިޓް ސިސްޓަމެއް އެކުލަވާލުންވެސް ހިމެނެއެވެ.
ބައިނަލްއަޤްވާމީ ދަތުރުފަތުރާ ގުޅޭގޮތުން، ރާއްޖެއިން ބޭރުގައި އުޅަނދު ދުއްވުމަށް އިންޓަނޭޝަނަލް ޑްރައިވިންގ ޕާމިޓް ދޫކުރުމާއި، ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ސައްޙަ ލައިސަންސް އޮންނަ ފަރާތްތަކަށް ރާއްޖޭގައި އިތުރު ލައިސަންސަކާ ނުލައި ދުއްވޭނެ އިންތިޒާމު މި ބިލުން ވަނީ ހަމަޖައްސައިދީފައެވެ. އަދި ދަތުރުފަތުރާ ގުޅޭ ވުޒާރާއިން އެއްގަމު ދަތުރުފަތުރުގެ ޤައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމާއެކު، ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފައްދަންޖެހެއެވެ.
މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ގެނައި އިސްލާޙުތަކާއެކު މި ބިލު ފާސްކުރިއިރު، ޚާއްޞަ ގިންތީގެ އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ބޭނުންކުރެވޭނީ އުފެއްދި ތާރީޚުން ފެށިގެން 20 އަހަރުގެ މުއްދަތަކަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގެ ދަތުރުފަތުރު ބެލެހެއްޓުމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހެއް އުފެއްދުމުގެ ބާރުވެސް ބިލުގައި ހިމަނާފައިވެއެވެ.




