’ބޯހިޔާވަހިކަން އެންމެންނަށް‘ ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ ތެރެއިން ފޮނުވާ ނޯޓިސްތަކަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ސަރުކާރުން ހުޅުވާލި މި މަޝްރޫޢަށް ޖުމްލަ 58,585 ފޯމު ހުށަހަޅާފައިވާއިރު، މިހާރު ކުރިއަށްދަނީ މި ފޯމުތައް ވެރިފައިކުރުމުގެ މަސައްކަތެވެ.
މިގޮތުން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އެހެނިހެން އިދާރާތަކުގައި ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް އެއްކޮށްފައެވެ. މި މަޢުލޫމާތުތައް ބަލައި ޗެކްކުރަނީ މުޅިން އޮޓަމޭޓެޑް ޕްލެޓްފޯމެއް މެދުވެރިކޮށެވެ.
އެ މަޢުލޫމާތުތައް ޗެކްކުރުމުގެ ތެރޭގައި ރަޖިސްޓްރީއާ ގުޅިގެން ފުށުއެރުމެއް ފާހަގަކުރެވޭ ފަރާތްތަކަށް އެކަން އަންގައި، ޖަވާބުދާރީވުމުގެ ފުރުޞަތު ދަނީ ދެމުންނެވެ. ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ މަޢުލޫމާތުގައި ފުށުއެރުމެއް ހުރިނަމަ، އެކަމާ ގުޅޭ ސައްޙަ މަޢުލޫމާތު ’ބޯހިޔާވަހިކަން ޕޯޓަލް‘ މެދުވެރިކޮށް ސާފުކޮށްދިނުމަށް ކުރިން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ބޯހިޔާވަހިކަމަށް އެދުނު ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ މުއްދަތު މިހާރު ވަނީ 21 ދުވަހަށް އިތުރުކޮށްފައެވެ.
އެހެންކަމުން ދީފައިވާ 21 ދުވަހުގެ މުއްދަތުގެ ތެރޭގައި، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ސާފުކޮށްދިނުމަށާއި، މަޢުލޫމާތުގެ ފުށުއެރުންތައް އިސްލާޙުކުރުމަށް ބޭނުންވާ ލިޔުންތައް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ. މި މަޝްރޫޢުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކާއި މުޢާމަލާތްކުރާނީ ޚާއްސަ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ދެވިފައިވާ މުއްދަތުގައި ޖަވާބުދާރީ ނުވެއްޖެނަމަ މަޢުލޫމާތު ރަނގަޅުކުރުމަށް އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް ވެރިފިކޭޝަންގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ޑިސެންބަރު މަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރުމެވެ.



