ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ.
އަދި މި ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުން، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ސަލާމަތަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ރައީސް ވަނީ ތަޢުރީފު ކުރައްވާފައެވެ.
ނޭޕާލުގެ ހިމާލަޔާ ފަރުބަދަތަކުގެ ސަރަޙައްދުގައި އޮންނަ ކޯރެއް ބަންޑުންވުމުގެ ސަބަބުން ގިނަ އަވަށްތަކެއްގައި ފެންބޮޑުވެ، މަދުވެގެން 8 މީހުން ވަނީ މަރުވެފައެވެ. މި ކާރިސާގައި މަގުތަކާއި، ބްރިޖުތަކުގެ އިތުރުން އިންޖީނުގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޙާލުގައި ޖެހިފައިވާ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ނޭޕާލް ސަރުކާރުން މިހާރު ވަނީ އަސްކަރީ ހެލިކޮޕްޓަރުތައް އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ނޭޕާލުގެ ރަސުވާ ސަރަޙައްދުގައި ފެންގަނޑު އާދަޔާ ޚިލާފަށް ބޮޑުވެފައިވުމުގެ ސަބަބުން، މީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރު ޖެއްސުމުގައި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެ ސަރަޙައްދުގެ އެޑްމިނިސްޓްރޭޓަރު ނަރެންދުރަ ޕަރިޔާރު ވިދާޅުވީ، މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުރުވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.
އަދި ބޯޓޭ ކޯޝީ ކޯރުގެ އައްސޭރީގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި އުސް ސަރަޙައްދުތަކަށް ބަދަލުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.




