ވިޔަފާރީގައި ތެދުވެރިވުމަކީ މާތް الله ދަރުމަ ބޮޑުކުރައްވާފައިވާ އަޅުކަމެއް ކަމަށާއި، ވިޔަފާރީގައި މަކަރުހެދުމަކީ އެކަލާނގެ ލަޢުނަތް ލައްވައިފައިވާ، އެކަމުގެ ޢަޛާބު ބޮޑު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
”މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މަޢުޟޫޢަށް މިއަދު ދިން ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރި މުދަލުން ޒަކާތްދިނުމަކީ މުދަލުގައި ބަރަކާތްލައްވާ ކަމެކެވެ. ނަމަވެސް، މި ކަންކަން ހަނދުމަނައްތާލައި، ވިޔަފާރީގައި މަކަރާއި ޙީލަތްހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ޚަޒާނާކޮށް އަދި ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން އޭގައި މާތް ﷲ ބަރަކާތް ނުލައްވާނެ ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، މައިންބަފައިންނަށް އުރެދި އެ ބައިމީހުން މުސްކުޅިވާ ދުވަހު އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله ގެ ވަޞިއްޔަތެއް ކަމަށާއި، އެއީ ޢުމުރުގައި ބަރަކާތް ލައްވައި، ސުވަރުގެއަށް ވަނުމުގެ ދޮރެއް ކަމުގައި ވެސް ވިދާޅުވިއެވެ. އެހެންކަމުން މުސްކުޅި ޙާލުގައި އެކަނިވެރިކޮށް ދޫކޮށްނުލައި، އެމީހުންނަށް އަޅައިލުމަށް ގޮވާލެއްވިއެވެ.
މިސްކިތްތަކުގެ ޙުރުމަތް ކެނޑޭ ފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ނަމާދުން ފައިބައިގެން މިސްކިތުގެ ދޮރޯށި ކައިރީގައި ތިބެ ޣީބަބުނުމާއި، ނެތިމޮށުމާއި، އަދި ދޮގުވާހަކަ ފެތުރުން ފަދަ ކަންކަމުން ނަމާދުގެ ޘަވާބާއި ދަރުމަ ގެއްލިގެންދާކަން ހަނދާންކޮށްދެއްވިއެވެ. މީގެއިތުރުން، އެކަކު އަނެކަކަށް ޙަސަދަވެރިނުވެ، އަޚުވަންތަކަމާއެކު އުޅުމަށް ރަސޫލާގެ ޙަދީޘްފުޅުތަކުން ދަލީލު ދައްކަވައި ބާރުއެޅުއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން، ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅުން ބިނާކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރަސޫލާ ޙަދީޘްކުރައްވާފައިވާ ގޮތުގައި ޙަރާމް އެއްޗަކުން ބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެއް ކަމަށް ވިދާޅުވިއެވެ.
އަދި މުޖުތަމަޢުގައި މުންކަރާތްތަކާއި ފާޙިޝް ކަންތައްތައް ޢާންމުވެއްޖެނަމަ އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެ ކަމަށާއި، މިފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކުރުމަކީ އެންމެހައި ފަރުދުންނާއި ޖަމާޢަތްތަކުގެ ވާޖިބެއް ކަމުގައި ބަޔާންކުރެއްވިއެވެ.



