ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު މިހާރު ގަދަވަމުން އަންނަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓް) ހާމަކޮށްފިއެވެ.
އެ އިދާރާއިން ވިދާޅުވީ އެންމެފަހުގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވެ.
އަދި ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރު، މި މަހުގެ މެދުތެރޭގައި މި މިންގަނޑު ވަނީ 1.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިތުރަށް ވިދާޅުވީ، ނީނޯގެ އެހެން ސަރަހައްދުތަކުން ވެސް ފެންނަނީ ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާ ތަން ކަމަށާއި، ކަނޑާއި ޖައްވުގެ ހާލަތުން ވެސް މިހާރު އެލްނީނޯގެ އަސަރުތައް އަންގައިދޭ ކަމަށެވެ. ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު (ސީޕީސީ) އިން ލަފާކުރާ ގޮތުގައި މި އަހަރުގެ ނިޔަލަށް އެލްނީނޯގެ ބާރު އަންނާނީ އިތުރަށް ގަދަވަމުންނެވެ. އެހެންކަމުން އެލްނީނޯގެ ހާލަތު އެ އިދާރާއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް މެޓުން ފާހަގަކުރެއެވެ.
އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވުމަކީ ފަރުތަކުގެ ދިރުމަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވާނެ ކަމެކެވެ. މީގެ ސަބަބުން މުރަކަ ހުދުވެ، ފަރުތަކަށް ބަރޯސާވާ ފަތުރުވެރިކަމަށް ސީދާ ނޭދެވޭ އަސަރުކޮށް، އާމްދަނީގެ ވަސީލަތްތަކަށް ހުރަސްއެޅެއެވެ. މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، އޮއިވަރާއި ހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި އުޅޭ ސަރަހައްދުތައް ބަދަލުވެ، މަސްވެރިކަން ދަށްވެގެންދެއެވެ. އަދި ތާރީޚީ ގޮތުން ވެސް އެލްނީނޯ އަހަރުތަކުގައި ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ހޫނުމިން މަތިވުމުގެ ސަބަބުން ތަންތަން ފިނިކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރު އިތުރުވެ، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވެއެވެ. އަދި ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ މޫސުމީ ބުރުތަކަށް ބުރޫއަރައި، ގަސްގަހާގެހިން ލިބޭ މިންވަރު މަދުވެގެންދެއެވެ. މި ކަންކަމުން ދޭހަކޮށްދެނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރާއި، ފަތުރުވެރިކަމާއި މަސްވެރިކަން އަދި ދަނޑުވެރިކަން ފަދަ މުހިންމު ދާއިރާތަކުން ދުރާލާ ތައްޔާރުވެފައި އޮތުމުގެ މުހިންމުކަމެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެންބަރު މަހު ރާއްޖޭގެ އުތުރަށް ވާރޭވެހޭނީ އާންމު މިންވަރަށްވުރެ މަދުންނެވެ. ނަމަވެސް ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް އާންމު މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ބެލެވެއެވެ.
އަދި އޮކްޓޯބަރު އަދި ނޮވެންބަރު މި ދެމަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، އެންމެ ދެކުނުގެ އަތޮޅަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ މަދުންނެވެ.



