ހއ. ހޯރަފުށީ ސްކޫލުގެ ދަރިވަރުން ބާރުވެރިކުރުވުމަށާއި ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްޤީކުރުމުގެ މަޤްޞަދުގައި، ގޭތެރޭގައި ކަރަންޓު ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ރައްކާތެރިކަމުގެ މުހިންމު މަޢުލޫމާތުތަކެއް އެ ސްކޫލުގެ ދަރިވަރުންނަށް ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދީފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ހޯރަފުށީ ބްރާންޗާ ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަންތައް ޚާއްޞަކޮށްފައިވަނީ އެ ސްކޫލުގެ ގްރޭޑް 9 އިން 11 ގެ ދަރިވަރުންނަށެވެ.
”ގޭތެރޭގެ ކަރަންޓުގެ ރައްކާތެރިކަން“ މި މަޢުޟޫޢަށް މި ސެޝަން ބާއްވާފައިވަނީ މި ހމަހުގެ 24 ވަނަ ދުވަހުގައެވެ.
މި ސެޝަންތަކުގައި ކަރަންޓުގެ އަސާސީ މަޢުލޫމާތާއި ހުނަރުތަކުގެ އިތުރުން، ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ދަރިވަރުންނަށް ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައެވެ. އަދި ހަމައެކަނި ތިއަރީ މަޢުލޫމާތުގެ އިތުރުން، ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކޮށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން، ޢަމަލީ ގޮތުން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ފެނަކައިން ބުނިގޮތުގައި، ހޯރަފުށީ ސްކޫލުން ވަނީ މި ސެޝަންތައް ނުހަނު ފުރިހަމަކަމާއި ޝައުޤުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ފެނަކަ ހޯރަފުށީ ބްރާންޗުގެ މުވައްޒަފުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތަށް އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.




