ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ”ޚާއިނެއް“ ކަމަށް ސިފަކުރައްވައި، އެފަދަ ބޭފުޅަކު ގޭގައި ހުންނެވުމުގެ ފުރުސަތު ލިބިފައި އޮތުމަކީ މުޅި ޤައުމުވެސް އެކަމާ ލަދުވެތިވާންޖެހޭ ހިތާމަވެރި ކަމެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ފަލާހު މިހެން ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން %40 ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލުތަކާ ރިސޯޓްތަކުން ދެކޮޅު ހެދުމަށް ކުރީގެ ރައީސް ޔާމީން ގޮވާލެއްވުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅަކު ޤާނޫނުތަކާ ޚިލާފުވާން ރައްޔިތުންނަށް ހިތްވަރު ދެއްވުމަކީ ބޮޑު ކުށަކަށް އަރައިގަތުމަށް ގޮވާލުން ފަދަ ކަމެކެވެ. މީގެއިތުރުން، މި އަމަލުން ހާމަވަނީ ޔާމީނުގެ ހިތްޕުޅުގައިވާ ނުބައިކަމާއި، އަމިއްލަ އެދުމާއި، ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީން ކުރައްވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން ފަލާހު ވިދާޅުވީ، މިއިން ދައްކުވައިދެނީ ޔާމީންގެ ބަހާއި އަމަލު ދިމާނުވާ މިންވަރު ކަމަށެވެ.
”މިއަދުވެސް ޔާމީނު ފަދަ ޚާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އެކަމާ ޤައުމުވެސް ލަދުވެތިވާ ކަމެއް. ޔާމީނު ދައުލަތުން ވަގަށް ނަގާފައިވާ އެތަށް މިލިއަން ޑޮލަރެއް ދައުލަތަށް ހޯދިއްޖެނަމަ މިހާރުން މިހާރަށް ޑޮލަރުގެ މައްސަލައަށް ހައްލެއްލިބިގެންދާނެ،“ ފަލާހު ވިދާޅުވިއެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރު ފައިސާއާބެހޭ ޤާނޫނަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގެނެވުނު އިސްލާހުތަކުގެ ދަށުން، ކެޓެގަރީ-އޭ ގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން މީލާދީ ކޮންމެ މަހަކު މުދަލާއި ޚިދުމަތް ވިއްކައިގެން ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ (ގްރޮސް ސޭލްސްގެ) %40 ބޭންކުތަކަށް މާރުކުރުން ވަނީ ލާޒިމުކޮށްފައެވެ.
ހަމައެއާއެކު، ރާއްޖޭގައި ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގޭނީ އެމްއެމްއޭގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލައިސެންސް ހޯދައިގެން ކަމަށްވެސް އެ ޤާނޫނުގައި ކަނޑައަޅާފައިވެ އެވެ. އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ މަތީ އަގުގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމަކީ ކުށެއް ކަމަށް ކަނޑައަޅައި 25،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
މީގެއިތުރުން، އެމްއެމްއޭގެ ރޭޓާ ޚިލާފަށް މަތީ އަގުތައް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައެޅިފައިވެ އެވެ.




