މިމަހުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 172،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.2 އިންސައްތަ އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ މިހާތަނަށް ރާއްޖެއަށް 172،487 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 168،698 ފަތުރުވެރިންނާ އަޅާބަލާއިރު ކުރިއެރުމެކެވެ.
މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވިނަމަވެސް، މުޅި އަހަރުގެ ނިސްބަތަށް ބަލާއިރު ފަތުރުވެރިންގެ އަދަދު އަދިވެސް އުޅެނީ ދަށްކޮށެވެ. އެގޮތުން އަހަރުގެ މިހާތަނަށް 1,427,104 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,483,086 ފަތުރުވެރިންނާ އަޅާބަލާއިރު 3.8 އިންސައްތައިގެ ދަށްވުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,996 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ 18.7 އިންސައްތައިގެ ހިއްސާއަކާއެކު ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރަނީ ރަޝިއާގެ ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކަކީ:
ޗައިނާ: 262,120 ފަތުރުވެރިން
ރަޝިއާ: 205,187 ފަތުރުވެރިން
އިނގިރޭސިވިލާތް: 108,909 ފަތުރުވެރިން
އިޓަލީވިލާތް: 91,798 ފަތުރުވެރިން
ޖަރުމަނުވިލާތް: 85,984 ފަތުރުވެރިން
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 1,028,660 ފަތުރުވެރިންނެވެ. މީގެއިތުރުން ގެސްޓުހައުސްތަކުގައި 310,476 ފަތުރުވެރިން، ހޮޓާތަކުގައި 32,925 ފަތުރުވެރިން އަދި ސަފާރީތަކުގައި 25,972 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1,323 ތަނެއް ހުޅުވާފައިވާއިރު، މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީ އަކީ 68,506 އެވެ.




