މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ތިލަފުށީ ޕޯޓް އިމާރާތް ތަރައްގީކޮށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބީލަމަށް ހުޅުވާލައިފިއެވެ.
އެމްޕީއެލް އިން ބުނިގޮތުގައި، މި މަސައްކަތަށް ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗަރތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އަދި ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ’ލީޑް ޕާޓްނަރު‘ ކަނޑައަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ބީލަންތައް ވަޒަންކުރުމުގައި ތަޖުރިބާއާއި، ފަންނީ ގާބިލުކަމުގެ އިތުރުން މާލީ ތަނަވަސްކަމަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. މި މަސައްކަތުގެ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ތިލަފުށި ބަނދަރު ”ސްޓޭޓް އޮފް ދި އާޓް“ ނުވަތަ އެންމެ ޒަމާނީ ފެންވަރުގެ ޕޯޓެއްގެ ގޮތުގައި ތަރައްގީކޮށް، އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ރަސްމީކޮށް ހުޅުވުމެވެ.




