ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިއަދު ތައާރަފްކުރި މި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ހޯދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މި އެޕްލިކޭޝަން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ވިޔަފާރިވެރިންނަށް ޚިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަ އަދި ލުއިގޮތަކަށް ހަމަޖައްސައިދިނުމަށްޓަކައި ޑިޖިޓަލް ހައްލުތަކަށް އިންވެސްޓްކުރުން ކުރިއަށްގެންދަވާނެ ކަމަށެވެ.
އަދި މި އެޕްލިކޭޝަނަކީ އެސްއެމްއީތަކުގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށް، ފަސޭހައިން ލިބޭ، ހަލުވި އަދި ކަސްޓަމަރުންނަށް އިސްކަންދޭ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ހެއްކެއް ކަމަށާއި، މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށްވުމަށް ކުރާ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
”އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ޚިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް އަޅުގަނޑުމެން ކުރާ ދަތުރުގައި ލިބުނު އިތުރު މުހިންމު ކުރިއެރުމެއް،“ ސީއީއޯ ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތްތަނުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ވިއްކޭނެ ފަދަ މާކެޓް ޕްލޭސެއް ހިމެނޭހެން އައު ފީޗަރތަކާއި ޚިދުމަތްތައް އެޕަށް އިތުރުކުރަމުންދާނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ މި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އެސްއެމްއީ ޑިޖިޓަލްގެ އެކި ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ވަގުތުން ބަލައިލެވުން ހިމެނެއެވެ. މީގެއިތުރުން ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތައް ބަލައި މެނޭޖްކުރުމާއި، ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކުމާއި، ވަގުތުން ނޮޓިފިކޭޝަންތަކާއި މުހިންމު އަޕްޑޭޓްތައް ލިބުމުގެ އިތުރުން އެސްއެމްއީ ޑިޖިޓަލްއާ ސީދާ މުއާމަލާތްކުރުމުގެ ފުރުސަތު މި އެޕުން ލިބިގެންދާނެއެވެ.
އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕަލްގެ އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
އެޕް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި، ކަސްޓަމަރުންގެ އެކައުންޓަށް މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން އަންގާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.



