ފުވައްމުލައް ސިޓީގައި މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ރޭ ބުނީ، ރޭ އިރުއޮއްސި 18:22 އެހައިކަންހާއިރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގަޔާއި ރުކެއްގައި ޖައްސާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކާރު ދުއްވި 35 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރޭ ފުލުހުން ބުންޏެވެ. އަދި ކާރު ދުއްވީ މިސްކިތްމަގު، އަންދާޒު/ޏ. ފުވައްމުލަށް، އަހުމަދު އައުނުﷲ ކަމަށާއި، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އަދި މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


