ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތިލަމާލެ ބުރިޖު ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ފައިމަގުން މާލެއިން ވިލިމާލެއަށް ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ސަރުކާރުގެ ވަޒީރުންނާއި، ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މާލެ ސަރަހައްދުގެ އެންމެ ބިޔަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު ގުޅާލުމުގެ މަސައްކަތް ނިމިދިޔަ ހަފުތާގެ ތެރޭގައި ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން 2022 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ މުޅި ޖުމްލަ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު ޚާއްޞަ މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ. ނިމިދިޔަ ސަރުކާރުގައި އެ ދައުރުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރި ނަމަވެސް، ވެރިކަން ނިމުނުއިރު ނިމިފައިވަނީ މަޝްރޫޢުގެ ގާތްގަނޑަކަށް 30 އިންސައްތަ މަސައްކަތެވެ.
އެކި ސަބަބުތަކާ ހުރެ މަޝްރޫޢު ކުރިއަށްދިއުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމުމެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ހަމަޖެހިފައިވާއިރު، ރަށްތައް ހުރަސްކުރުމަށް ހައިވޭތައް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢާ އެކުއެކީގައި ކުރިއަށްދާނެއެވެ.
ބުރިޖާއި ކޯޒުވޭތައް ހިމެނޭ ގޮތަށް މުޅި ކަނެކްޓިވިޓީގެ ދިގުމިނަކީ 6.7 ކިލޯމީޓަރެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، ބުރިޖުގެ މަސައްކަތުގެ ފެންވަރު އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދެއެވެ.
މި ބިޔަ މަޝްރޫޢުގެ ޖުމްލަ އަގަކީ 500 މިލިޔަން ޑޮލަރު (7 ބިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ) އެވެ. މި މަޝްރޫޢަށް ޚަރަދުކުރަނީ އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފައިވާ 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީއާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.



