ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 10.4 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވެފައިވަނީ، މައިގަނޑު ގޮތެއްގައި ވިޔަފާރީގެ ޓެކުހުން ލިބުނު އާމްދަނީ އަދި ޓީޖީއެސްޓީ އިތުރުވުމުގެ ސަބަބުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ފާއިތުވެދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 25 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10.4 އިންސައްތައިގެ އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެއީ 21.4 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 19.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ޓީޖީއެސްޓީގެ ގޮތުގައި 7.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 7.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުން 5.5 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
އެހެނިހެން ދާއިރާތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.19 ބިލިޔަން ރުފިޔާ، އާންމު ޖީއެސްޓީގެ ގޮތުގައި 3.53 ބިލިޔަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 1.40 ބިލިޔަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.24 ބިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.
ޚަރަދުތަކަށް ބަލާއިރު، މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ދަޢުލަތުން ޖުމްލަ 28.7 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި 24.1 ބިލިޔަން ރުފިޔާގެ ޚަރަދާ އަޅާބަލާއިރު 19.3 އިންސައްތައިގެ އިތުރުވުމެކެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ކައުންސިލްތަކަށް ދޭ ގްރާންޓެވެ. ކައުންސިލް ގްރާންޓުގެ ގޮތުގައި 1.6 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ކެޕިޓަލް ޚަރަދުގެ ދަށުން އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް 3.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު 1.20 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ޚަރަދު 284.5 މިލިއަން ރުފިޔާއަށް އަރައެވެ.



