ސަރުކާރު ސްކޫލުތައް އޭސީ ކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ “ކޫލް ސްކޫލް” ޕްރޮގްރާމް، މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ކ. މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ޕްރޮޖެކްޓް އިފުތިތާހުކޮށްދެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެވެ.
ޖުމްލަ 530 ދަރިވަރުން ކިޔަވަމުން އަންނަ މާފުށީ ސްކޫލުގައި މިއަދު ފެށި އެ ޕްރޮގްރާމްގެ ދަށުން މާފުށީ ސްކޫލްގައި އޭސީ ހަރުކޮށްފައިވަނީ އެ ރަށު ކައުންސިލުންނެވެ.
ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އެ ޕްރޮގްރާމްގެ ފުރަތަމަ ފޭސްގެ ދަށުން ހުރިހާ ކްލާސްރޫމަކާއި ސްކޫލް ހޯލް ވަނީ އޭސީ ކޮށްފައެވެ.
އަދި ދެވަނަ ފޭސްގެ ދަށުން ސްކޫލްގައި ސޯލާ ޕެނަލް ހަރުކުރަން ވެސް ނިންމާފައިވެއެވެ.
މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ޚަރަދު ކުޑަވެގެންދާނެކަމަށް މިނިސްޓްރީން ލަފާކުރެއެވެ.
ހޫނު ގަދަ ކްލާސްތައް އޭސީ ކުރުމަށް ރައީސް އެންގެވީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ހދ. މަކުނުދޫއަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ.
އެއަށްފަހު ސަރުކާރުގެ ހުރިހާ ސްކޫލުތަކުގެ ކްލާސް ރޫމްތަކުގައި ”ކޮމިއުނިޓީގެ އެހީތެރިކަމާއެކު“ އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުގައެވެ.
ކޫލް ސްކޫލް‘ ޕްރޮގްރާމްގެ ދަށުން ސަރުކާރު ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ވަނީ ނިންމާފައެވެ.
މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.




