ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް) ގެ ދަށުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ސްކޯލަރޝިޕް އެއްބަސްވުމުގައި ދިވެހިރާއްޖެއާއި ޖަޕާން ސަރުކާރާ ދެމެދު ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރެޕްރެސެންޓެޓިވް ޓަކި މޮޓޫއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، ޖަޕާން ސަރުކާރުން ސިވިލް ސަރވިސް މުވައްޒަފުން ތަމްރީންކުރުމަށް ދެއްވަމުން ގެންދަވަނީ ވަރަށް ބޭނުންތެރި މުހިންމު ފުރުޞަތުތަކެއް ކަމަށެވެ. އަދި މި ސްކޯލަރޝިޕްތަކުގެ ޒަރީޢާއިން ޖަޕާނުގެ ބޮޑެތި ޔުނިވަރސިޓީތަކުން މާސްޓަރސް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ޝަފީޢު ފާހަގަކުރެއްވިއެވެ.
”މިޕްރޮގްރާމަކީ ބޮޑަށް ސަރުކާރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ޕަބްލިކް ސަރވިސް ހަރުދަނާކުރުމަށް ދެވޭ ސްކޯލަރޝިޕްތަކެއް. މިހާތަނަށް 36 ފުރުޞަތެއް 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ލިބިފައި އެބައޮތް،“ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.
ދިވެހިން ބިނާކުރުމަށް ޖަޕާން ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން އެކި ދާއިރާތަކުން ސްކޮލަރޝިޕްތައް ދެމުން އަންނައިރު، މިފަހަރުގެ އެއްބަސްވުމުގެ ދަށުން 152 މިލިޔަން ޖަޕަނީސް ޔެން ނުވަތަ ގާތްގަނޑަކަށް އެއް މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީގެ ދަށުން ޖަޕާނުގެ 3 ޔުނިވަރސިޓީއަކުން ޕަބްލިކް ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް އަދި އެންވަޔަރަންމެންޓަލް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން މިހާރުވެސް 9 ދަރިވަރަކު ޖަޕާނުގައި ތަޢުލީމު ހާސިލުކުރަމުން އަންނައިރު، ކިޔެވުން ނިންމުމަށްފަހު އެނބުރި އައިސް ގިނަ ފަރާތްތަކުން ދަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި ޚިދުމަތްކުރަމުންނެވެ.



