ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ 2026 އޯގަސްޓް 30 ވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެންނެވެ.
މިގޮތުން، ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. އަދި ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ޚާއްޞަ ބިލެއް ފަރުމާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މި ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިޤްތިޞާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ ޤައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފަށްޓަވާފައެވެ.




