މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ހިއްސާއަކަށް 50 ލާރި ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. މި ގޮތަށް ފާސްކޮށްފައިވަނީ ހޮޓެލް ޖެންގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
މިދިޔަ އަހަރުވެސް އެމްޓީޑީސީން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި 60 ލާރި ބަހާފައެވެ.
މިއަދު ބޭއްވުނު އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓުވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސައި، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 28،350 ދިނުމަށްވެސް ވަނީ ނިންމާފައެވެ.
އެމްޓީޑީސީގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، އެ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2 މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ 2024 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 1.9 މިލިއަން އެމެރިކާ ޑޮލަރާއި އަޅާބަލާއިރު 6.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމުގެ މަގުސަދުގައި ސަރުކާރުން 2006 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.




