ކައުންސިލްތަކުގެ އިޙްތިޞާސުގައި އޮންނަ ބިމެއް ދައުލަތަށް ނަގާނީ ހަމައެކަނި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއީސް މިހެން ވިދާޅުވީ، ކައުންސިލްތަކުގެ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އެންމެފަހުން ގެނައި އިސްލާހު ތަސްދީޤު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރަކު ހުށަހެޅުއްވި މި އިސްލާހު ތަސްދީޤު ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި ހިންގަން ނިންމާފައިވާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ބިންތައް ހަވާލުކުރުމަށް އިދިކޮޅު ވިސްނުމުގެ ބައެއް ކައުންސިލްތަކުން ހުރަސްއަޅަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫޢުތައް އެތައް މަހެއް ވަންދެން ލަސްވެގެންދާ ކަމަށާއި، މި ބިލަށް ސަރުކާރުން ތާޢީދުކުރީ އެފަދަ ދަތިތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ ކައުންސިލްތަކުން ބިންތައް ވަކިކުރުމަށް ނޫން ކަމަށާއި، ބިން ނަގަން ޖެހޭނީ މަޝްރޫޢުތަކަށް ހުރަސްއެޅޭ ހާލަތްތަކުގައި އެކަނި ކަމަށެވެ.
”ހަޤީޤަތުގައި ސަރުކާރުން ބޭނުމެއް ނުވޭ ކައުންސިލްތަކުން ބިންތައް ވަކިކުރާކަށް އެހެންނަމަވެސް ހުރަސް އަޅާ ކަމަށްވަންޏާ އެތައް މަހެއް ޑިލޭވަމުންދަނީ. އެހެންވެއްޖެއިއްޔާ އެބަޖެހޭ ބިންތައް ވަކިކޮށްގެންވެސް މަޝްރޫޢުތައް ހިންގަން. މި ބިލުގައި ކަނޑައަޅާފައި އެބައޮތް. ބިންތައް ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ފޮނުވާއިރު، ބައެއް ކަންކަން ކުރަންޖެހޭ،“ ރައީސް ވިދާޅުވިއެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހަށް ބިމެއް ވަކިކުރަން ފޮނުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މަރުހަލާތަކެއް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި މަޝްރޫޢުގެ މަޢުލޫމާތު އާންމުކޮށް އިއުލާންކުރުމާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރުމުގެ ފުރުސަތު ކައުންސިލަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތަށް ބިމެއް ނެގުމުގެ ކުރިން ޤާނޫނުގެ ދަށުން އެ ބިމަކަށް ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ އެކަމަށް ބަދަލުދޭންޖެހޭނެ ކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބިލު ޤާނޫނަކަށް ވުމާއެކު، ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.



