މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗެއަރޕާސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މއ. ދޭލިޔާގެ ޢަބްދުﷲ ފާއިޒު އައްޔަންކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
މިފްކޯގެ ޗެއަރޕާސަން ކަމަށް އައްޔަންކުރެއްވި ޢަބްދުﷲ ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި 30 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއަރމަން ކަމުގެ އިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑުގެ ޗެއަރމަންކަން ވެސް ފާއިޒު ވަނީ ކުރިން އަދާކުރައްވާފައެވެ.
ވިޔަފާރީގެ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ފާއިޒު ވަނީ ދައުލަތުގެ އަދި އަމިއްލަ ބޮޑެތި ކުންފުނިތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރުކަމާއި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ޑިރެކްޓަރ ޓު ދަ ޗެއަރމަންކަމާއި، ވިލާ ހޮޓެލްސްގެ ޑިރެކްޓަރ އޮފް މާކެޓިން އެންޑް ޕްރޮމޯޝަންސްގެ މަޤާމު ހިމެނެއެވެ. އަދި ހޮސްޕިޓަލިޓީ، ލޮޖިސްޓިކްސް، ކޭޓަރިންގެ އިތުރުން އިންވެސްޓްމަންޓް ދާއިރާގެ އިސް މަޤާމުތައްވެސް ފުރުއްވާފައިވެއެވެ.
ފާއިޒަކީ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި)، މޯލްޑިވްސް ޓްރޭޑާސް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އަދި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ އިތުރުން އެމްއެންސީސީއައިގެ ސެކްރެޓަރީ ޖެނެރަލްކަމާއި، 2001 ވަނަ އަހަރުން ފެށިގެން ސާކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރެއްގެ އިތުރުން އެ ޖަމްޢިއްޔާގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވެއެވެ.
ޢަބްދުﷲ ފާއިޒު ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.



