މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026″ އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
އެމްއައިބީން މި މުއްދަތު އިތުރުކޮށްފައިވަނީ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މީގެކުރިން އޮގަސްޓް 31 ގެ ނިޔަލަށް ހަމަވާގޮތަށް އޮތް ނަމަވެސް، މިހާރު މި ފުރުސަތު ވަނީ 14 ސެޕްޓެމްބަރު 2026 ވާ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.
މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ޚިދުމަތްތެރިންނާއި، ގެސްޓްހައުސްތަކުގެ އިތުރުން ރަށްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އެވޯޑެކެވެ. މި އެވޯޑުގައި ޖުމްލަ 3 ކެޓަގަރީއަކުން 20 އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދެ ޓިއަރއަކަށް ބަހާލައިގެން ގެސްޓްހައުސްތަކަށް ދޭ 16 އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށް ދޭ އިންޑިވިޖުއަލް 3 އެވޯޑުގެ އިތުރުން ”ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް“ ގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑު ހިމެނެއެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ތާއީދުކޮށްފައިވާ މި އެވޯޑުގެ އިވެލުއޭޝަން ކަންކަން މިނިވަންކަމާއެކު ކުރިއަށްގެންދާނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުންނެވެ.
އެހެންކަމުން އެވޯޑަށް ޝަރުތުހަމަވާ ފަރާތްތަކުން 14 ސެޕްޓެމްބަރުގެ ކުރިން ބޭނުންވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހެޅުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފައެވެ.



