ހަތަރު ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީއެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ބ. ކިހާދޫއާއި ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ދ. ބަނޑިދޫ ބަނދަރު ފުން ކުރުމާއި ޖެޓީ ތަރައްޤީކުރުމުގެ އިތުރުން ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކުމުގެ މަސައްކަތެވެ.
މީގެ ތެރެއިން ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 240 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖެހުމުގެ އިތުރުން 17،300 ސީބީއެމްގެ ވެލިން ބެކްފިލް ކުރުން ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އަދި ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރޭގައި 139 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 56 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.
ދ. ބަނޑިދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ ތެރެއިން 3.5 މީޓަރަށް ބަނދަރު ފުން ކުރުމާއި، 4 މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 170 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކުމުގެ މަޝްރޫޢު 600 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާއިރު، މީގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 8.56 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ. މީގެ އިތުރުން 266 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި، 6 މޫރިން ބޮއި ހަރުކުރުމާއި، ސޭންޑްފިލްޑް ބްރޭކްވޯޓަރ ހެދުމާއި، 692 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި، 620 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.
އަދި 2 ނެރުބައްތިއާއި 45 މަގުބައްތި ހަރުކުރުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ކޮންކްރީޓް ޖެޓީ އަދި ބްރިޖް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.




