ޤައުމީ ފެންވަރުގައި މިއަހަރުގެ މާމަކާފަ ދުވަސް ބ. އޭދަފުށީގައި ރަސްމީކޮށް ފާހަގަކޮށްފިއެވެ.
މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ޕެންޝަން އޮފީހާއި، ޞިއްޙަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ބ. އޭދަފުށީ ކައުންސިލް ގުޅިގެންނެވެ.
މިއަހަރުގެ މި ދުވަހުގެ ޝިޢާރަކީ ”މާމަކާފަގެ ލޯބި: ތަރުބަވީ ޖީލެއްގެ ބިންގާ“މިއެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަސް ރާއްޖޭގައި ޤައުމީ ފެންވަރުގައި މާމަކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އާއިލާއާއި ޤައުމު ބިނާކުރުމުގައި މާމައިންނާއި ކާފައިން ވެފައިވާ އަގުހުރި ޤުރުބާނީތަކުގެ އަގުވަޒަންކޮށް، މުޖުތަމަޢާއި އާއިލާގައި އެފަރާތްތަކުގެ މުހިންމު ދައުރު ހަނދާންކޮށްދިނުމެވެ.
ސަރުކާރުން ރަސްމީ ފެންވަރުގައި މި ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ދެ ދުވަހުގެ މުއްދަތަށް އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން، ޢުމުރުން ދުވަސްވީ އާބާދީއަށް އަމާޒުކޮށްގެން ހަވީރު ސައެއް ބާއްވާފައިވާއިރު، ޕެންޝަން އޮފީހުން ބުނީ މިއީ މާމައިންނާއި ކާފައިން އަދި އެފަރާތްތަކުގެ ޢާއިލާތަކަށް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.

މީގެއިތުރުން، މި ހަރަކާތުގެ ތެރެއިން ދުޅަހެޔޮ ރިޓަޔަރމަންޓަކަށް ތައްޔާރުވުމަށާއި، ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުމަށް މުހިންމު އާދަތަކާ ގުޅޭގޮތުން ޞިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހިންގާ ”އުފާވެރި ރާސްތާ“ ޕްރޮގްރާމުގެ ސެޝަނެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.



