ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް‘ ފޮތުގެ ދެވަނަ އިޞްދާރު މިއަދު ނެރެފިއެވެ.
ޒަކާތު ހައުސް އިން ބުނިގޮތުގައި، މިއީ ޝަރުޢީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒަކާތް ނެގުމާއި ބެހުމުގެ ނިޒާމު ހަރުދަނާކުރުމަށް ޓަކައި އަދާހަމަކުރެވިފައިވާ އިރުޝާދުތަކެއް ހިމަނައިގެން ނެރުނު އިޞްދާރެކެވެ.
މި ފޮތުގެ ދެވަނަ އިޞްދާރު ރަސްމީކޮށް ނެރެދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އަލަށް އަދާހަމަކުރެވުނު މި އިޞްދާރުގައި ހިމަނާފައިވަނީ 1 ޖަނަވަރީ 2026ގައި ޢަމަލުކުރަން ފެށުނު ޒަކާތުގެ އައު ޤާނޫނުގެ ދަށުން އެކުލަވައިލެވުނު ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ މަތީން ގެނެވިފައިވާ އިޞްލާޙުތަކެކެވެ.

ޝަރީޢާ އެޑްވައިޒަރީ ކޮމިޓީން އައު ޤާނޫނީ އޮނިގަނޑުގެ ދަށުން ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ކަންކަމުގައި އިރުޝާދު ދެމުން ގެންދަނީ، ޒަކާތާ ގުޅުންހުރި ސިޔާސަތުތަކާއި އުޞޫލުތައް އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.
އެހެންކަމުން، މި ދެވަނަ އިޞްދާރުން ދައްކުވައިދެނީ ޒަކާތުގެ އައު ޤާނޫނާއެކު އައިސްފައިވާ ބަދަލުތަކާއި ކުރިއެރުންތަކެވެ. އަދި ހަމައެއާއެކު، ޒަކާތުގެ އިދާރީ ކަންކަން ހިންގުމުގައި ބޭނުންވާ ޝަރުޢީ އަދާހަމަ އުޞޫލުތަކާއި މިންގަނޑުތައް ވެސް މި ފޮތުން ފޯރުކޮށްދެއެވެ.
މި ފޮތަކީ ޒަކާތް ނެގުމާއި، ބެލެހެއްޓުމާއި، އަދި ބެހުމުގެ މަސައްކަތުގައި ޝާމިލުވާ މުއައްސަސާތަކަށާއި ފަރުދުންނަށް ބޭނުންތެރި މުހިންމު ރެފަރެންސަކަށް ވެގެންދާނެ ކަމަށާއިި، އަދި މީގެ ސަބަބުން ޝަރުޢީ މިންގަނޑުތަކާ އެއްގޮތަށް، ހަމަހަމަ އުޞޫލުތަކެއް ހިފެހެއްޓުމަށް ބާރުއެޅިގެންދާނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

ޒަކާތު ހައުސްއިން އިތުރަށް ބުނީ، މި ފޮތް މިހާރު ޒަކާތު ހައުސްގެ ވެބްސައިޓް https://zakathouse.gov.mv/books/18174 އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.



